ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ގްރީސްގެ އޮލިމްޕިއާކޯސް އާއި ދެކޮޅަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-3 ގެ ނަތީޖާއަކުން ރެއާލް ކާމިޔާބުކޮށްފިއެވެ.
އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންތަކަކާއި ނުލައި ރެއާލް މެޑްރިޑުން ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އޮލިމްޕިއާކޯސް އިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން އާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އޮލިމްޕިއާކޯސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، މިހާފުގައި އެޓީމުން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު ރެއާލް މެޑްރިޑުން ވެސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ރެއާލްގެ ހަތަރު ލަނޑު ވެސް އެޓީމުގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ ކާމިޔާބުކުރިއިރު، އޮލިމްޕިއާކޯސްގެ މެހެދީ ޓަރެމީ، ޗިކުއިންހޯ އަދި އައްޔޫބް އެލް ކާބީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ރެއާލް މެޑްރިޑަށް 12 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި އޮލިމްޕިއާކޯސް އިން ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި ދެޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 33 ވަނައިގައެވެ.



