އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ޔުއެފާ ޗެމްޕިއަންސް ލީގު: އާސެނަލް އިން ބަޔާން މިޔުނިކް ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބަޔާން މިޔުނިކުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އާސެނަލް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޖޫރިއެން ޓިމްބަރ އެވެ.

ޗެމްޕިއަންސް ލީގުގައި އާސެނަލް އަދ ބަޔާން މިޔުނިކް ބައްދަލުކުރި މެޗުގެ ތެރެއިން

ނަމަވެސް އޭގެ 10 މިނެޓްފަހުން ބަޔާން މިޔުނިކުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ލެނާޓް ކާލް އެވެ. މިއީ އުމުރުން 17 އަހަރުގެ މިޑްފީލްޑަރު ޗެމްޕިއަންސް ލީގުގައި އެޓީމަށް ކުޅުނު ދެމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ޗެމްޕިއަންސް ލީގުގައި އާސެނަލް އަދ ބަޔާން މިޔުނިކް ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މިމެޗުގައި ދެވަނަ ފަހަރަށް ލީޑުހޯދީ ފަހުހާފުގެ 69 ވަނަ މިނެޓިގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ނޯނީ މަޑުއެކޭ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއެލް މާޓިނެލީ އެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތްއިރު، މިމެޗުން ބަލިވި ބަޔާން މިޔުނިކް ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.

ބަޔާން މިޔުނިކުން މިސީޒަނުގައި މިހާތަނަށް ކުޅުނު 19 މެޗުގެ ތެރެއިން 17 މެޗުން މޮޅުވެފައިވާއިރު، އެއްމެޗު ވަނީ އެއްވަރުވެފައެވެ. އަދި މިއީ އެޓީމު ބަލި ފުރަތަމަ މެޗެވެ.

ގުޅުންހުރި ލިޔުންތައް