ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ އިން ސްޕެއިންގެ ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފު ޗެލްސީގެ ފަރާތުން ވަރުގަދަ އެޓޭކިން ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން މެޗުގެ ލީޑުހޯދީ މެޗުގެ 27 ވަނަ މިނެޓުގައެވެ. މިލަނޑަކީ ބާސެލޯނާގެ ޑިފެންޑަރު ޖޫލްސް ކުންޑޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މީގެ އިތުރުން ވެސް މިހާފުގައި ޗެލްސީ އިން އިތުރު ދެލަނޑު ކާމިޔާބުކުރި ނަމަވެސް އޭގެ ތެރެއިން އެއްލަނޑު ވީއޭއާރުން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމިއިރު، އަނެއް ލަނޑު ވީއޭއާރުން ކެންސަލް ކުރީ ލަނޑު ޖެހުމުގެ ކުރިން ޗެލްސީގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހިފައިވާތީއެވެ.

މީގެ އިތުރުން މިމެޗުގައި ބާސެލޯނާއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ރޮނަލްޑް އަރައުހޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުނުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މެޗުގެ ދެވަނަ ހާފުގައި ޗެލްސީ އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ޒުވާން ފޯވާޑް އެސްޓެވާއޯ އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހުހާފުގައި ބަދަލުކުޅުންތެރިއެއްގެ ކުޅެން ނިކުތް ލިއަމް ޑެލިޕް އެވެ.
މިނަތީޖާއެކު ލީގުބުރުގައި ޗެލްސީ އިން ކުޅުނު ފަސް މެޗުން އެޓީމަށް 10 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި ބާސެލޯނާ އިން ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި ހަތް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ.



