ކ. ގުރައިދޫގައި ގާއިމުކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހޮލިސްޓިކް މެންޓަލް ހެލްތް ފެސިލިޓީއަކަށް ބަދަލުކޮށް، މުޅި މަރުކަޒު ރީބްރޭންޑް ކުރުމަށްޓަކައި ހެލްތު މިނިސްޓްރީން އެޗްޑީސީއާ ހަވާލުކޮށްފިއެވެ.
އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިޔާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲއެވެ. މި މަޝްރޫއަކީ ސަރުކާރުން، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދެމުންގެންދާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މިއަދު ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން އެ ތަނުގެ ޑިޒައިންތައް އެކުލަވާލުމާއި، އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ހިންގާ ބަލަހައްޓާނީ އެޗްޑީސީންނެވެ.އެއްބަސްވުމުގައި ސޮއިކުރެވޭ ދުވަހުން ފެށިގެން، 6 މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން މި މަސައްކަތުގައި ގުރައިދޫގައި މިހާރު ހިންގަމުންދާ ހާއްސައެހީއަށް ބޭނުންވާ މަރުކަޒު މުޅިން ބަދަލުކޮށް، ޒަމާނީ ފެންވަރުގެ ހޮލިސްޓިކް މެންޓަލް ހެލްތް ފެސިލިޓީއަކަށް ހެދުމުގެ މަސައްކަތް ކުރާނެއެވެ.
މި ބަދަލުގެ ސަބަބުން، ހަމައެކަނި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ބަދަލުގައި، ފަރުވާ ހޯދާ ފަރާތްތަކަށް ދިރިއުޅުމުގެ ހުރިހާ ގޮތަކުން ދުޅަހެޔޮކަން ހޯދައިދިނުމަށް މަގުފަހިވެގެންދާނެއެވެ.މީގެ އިތުރުން ރީބްރޭންޑިންގ މަޝްރޫޢުގެ ސަބަބުން، މިހާރު ވެސް ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތަކަށް ލިބޭ ފަރުވާގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވާނެއެވެ.
މިފަދަ ގައުމީ މުހިންމު މަޝްރޫޢުތަކުގައި ބައިވެރިވެ، ރާއްޖޭގެ ތަރައްގީއަށް އެހީތެރިވުމަކީ އެޗްޑީސީގެ އަބަދުގެ ވެސް އަމާޒެކެވެ. އެގޮތުން، މިފަދަ ސިއްހީ އަދި އިޖުތިމާއީ މަޝްރޫއުތަކަށް އެޗްޑީސީގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.



