ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭ ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރުފަޅު އެއްކޮށް ހިއްކައި ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ އަންނަ މަހުގެ ނިޔަލަށް ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށެވެ. އަދި އެއަށް ފަހު ގިރާވަރުފަޅުގެ މަސައްކަތް ކުރިއަށް އޮތް ތިން ހަފްތާ ތެރޭ ނިމޭނެ ކަމަށް ވިދާޅުވިއެވެ.
އެ މަސައްކަތް ފެށީ ”އޮރެންޖް“ ނަމަކަށް ކިޔާ 22،000 ކިއުބިކް މީޓަރުގެ ވެލި ނެގޭ ޑްރެޖަރަކުންނެވެ. މަސައްކަތް އަވަސް ކުރަން ގެނައީ ވެސް ހަމަ އެވަރުގެ ޑްރެޖަރެއް ކަމަށްވާ ”ޕްރިންސް ޑަ ނެޑަލަންޑެން“ އެވެ. މިއީ ބޮސްކާލިސްގެ ދެ ޑްރެޖަރެވެ.
ހުޅުމާލެ ފޭސް ތިނަކުން ހިއްކަނީ ޖުމްލަ 64 ހެކްޓަރުގެ ބިމެވެ. އޭގެ ތެރެއިން މިހާތަނަށް 24 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. ގިރާވަރުފަޅުގެ މަސައްކަތް ފަށާނީ މި މަސައްކަތް ނިމުމުންނެވެ.
ގިރާވަރުފަޅުން 169 ހެކްޓަރު ހިއްކަން ހަވާލުކޮށްފައި އޮތް މަޝްރޫއުއަށް 50 ހެކްޓަރު އިތުރުކުރަން ނިންމައި އެ ފަޅު ހިއްކައި ނިމޭއިރު 219 ހެކްޓަރު ހުންނާނެ އެވެ. އޭގެ ތެރެއިން 90 ހެކްޓަރު ވަނީ މިހާރު ހިއްކާފައެވެ.
އެ ފަޅުތަކުން ދޫކޮށްފައިވާ ގޯތިތައް އޭގެ ހައްގުވެރީންނާ ހަވާލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.



