އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އިން 3-0 އިން ލިވަޕޫލް ބަލިކޮށްފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 33 ވަނަ މިނެޓްގައި ފޮރެސްޓުގެ ޑިފެންޑަރު މުރީލޯ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ފޮރެސްޓުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ނިކޮލޯ ސަވޯނާއެވެ. ފޮރެސްޓުގެ ލީޑު އިތުރަށް ފުޅާކޮށްދިން ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ މޯގަން ގިބްސް ވައިޓްއެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކްރިސްޓަލް ޕެލެސް އިން ވަނީ 2-0 އިން ވުލްވްސް ބަލިކޮށްފަ އެވެ. އަދި ބްރައިޓަން އިން 2-1 އިން ބްރެންޓްފޯޑް ބަލިކުރިއިރު، ފުލަމް އިން ވަނީ 1-0 އިން ސަންޑަލޭންޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ.
މި މެޗުން ބަލިވުމުން ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލް އޮތީ 12 މެޗުން ލިބުނު 18 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގައެވެ. ފޮރެސްޓް އޮތީ 12 މެޗުން ލިބުނު 12 ޕޮއިންޓާއެކު ލީގުގެ 16 ވަނައިގައެވެ.



