ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދޭ އޮފީހެއް އަންނަ އަހަރު އުފެއްދޭނެ ކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓްރޭޑްމާކުބިލް ޤާނޫނަކަށް ވުމާއެކު، ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތްވެސް ވާލްޑް އިންޓަލެކްޓުއަލް ޕްރޮޕަޓީގެ އެކްސްޕާޓުންގެ އެހީގައި ކުރަމުންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ، 2026ގައި، ރާއްޖޭގައި މުޅީން އަލަށް އިންޓަލެކްޓުއަލް ޕްރޮޕަޓީއޮފީހެއް (ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދޭ އޮފީހެއް) އުފެއްދޭނެ ކަމަށެވެ.
”ކޮޕީރައިޓް ޤާނޫނަށް އަޅުގަނޑުމެން ވާނީ ޒަމާނާ ގުޅޭ އަދި އުފެއްދުންތެރީންނާއި ފަންނުވެރީންގެ ބުރަ މަސައްކަތާއި ޙައްޤުތައް ޙިމާޔަތްކޮށްދޭނެ ބޮޑެތި އިސްލާޙުތަކެއް ގެނެސްދީފައި. ބާން ކޮންވެންޝަނުގައިވެސް މިހާރު ދިވެހިރާއްޖެވާނީ ބައިވެރިވެފައި. މިއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރެވުނު މުހިންމު ގިނަ މަސައްކަތްތަކެއް“، ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމުގެ ޒިއްމާއާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގަތީ ކްރިއޭޓިވް އިންޑަސްޓްރީއެއް ރާއްޖޭގައި ޤާއިމުކޮށްދެއްވައި، އެ އިންޑަސްޓްރީ ކުރިއަށް ގެންގޮސްދެއްވާނެކަމުގެ މުހިއްމު ވަޢުދުފުޅާއެކު ކަމަށެވެ.
އަދި މިއަދު ފެންނަމުން މިދަނީ އެ ވަޢުދުފުޅު ފުއްދެވުމުގައި ޢަމަލީގޮތުން ނަތީޖާ ނެރެދެއްވައި، ހަލުވިކަމާއެކު ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަށް ވަޑައިގަންނަވާ އުފާވެރި އަދި އުންމީދީ މަންޒަރު ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.



