ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި އީގޭޓް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ވީއައިއޭ ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެއން ކިއޫގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށް އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް އެއަރޕޯޓްގެ ޓާމިނަލްގައި ހަރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދާ ކަމަށެވެ.
އަލަށް ހަރުކުރެވޭ އީ ގޭޓްތަކުން އެއްފަހަރު ޕާސްޕޯޓް ސްކޭން ކުރުމަށްފަހު ދެން ބޯޑަރ ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރިކޮގްނިޝަންގެ ޒަރިއްޔާއިން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެރައިވަލް އަދި ޑިޕާޗަރ ހިމެނޭހެން ކޮންމެ ޓާމިނަލް އެއްގައި 10 ގޭޓް (ޖުމްލަ 20 ގޭޓް) ހަރުކުރެވިގެންދާނެ ކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެހެނިހެން އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގައިވެސް 2026 ވަނަ އަހަރު މިފަދަ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަންފެށޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



