ކުރިޔަށް އޮތް 3 ދުވަހު ވެސް, ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ނެރެފައިވާ ނޫސްބަޔާނުގައި ވާގޮތުން މޫސުން ގޯސްވެފައި ވަނީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް މިސަރަހައްދުގައި އުފެދިފައިވާ ލޯ ލެވެލް ސާރކުއުލޭސަންއަކާއި ގުޅިގެން ކަމަށެވެ.
ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަަށްތަކަށް ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ވެސް މެޓުން ނެރެފައިވާ ނޫސް ބަޔާނުގައިވެއެވެ. އެގޮތުން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައި ވަނީ އައްޑޫ ސިޓީ ހިތަދޫއަށެވެ. އެއީ 110 މިލިމީޓަރުގެ ވާރޭ އެވެ.
މެޓުން ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.