ވޯލްޑްކަޕް ކޮލިފައިންގ ގުރޫޕް އެފްގައި އަމިއްލަ ދަނޑުގައި އަރްމޭނިއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 9-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޕޯޗުގަލް އިން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ސަސްޕެންޝަންގެ ސަބަބުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ނުލައި ޕޯޗުގަލް އިން ކުޅުނު މިމެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. ނަމަވެސް ޕޯޗުގަލްގެ ސަޕޯޓަރުން ހާސްކޮށްލުމަށްފަހު އަރްމޭނިއާ އިން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ.

ނަމަވެސް އަރްމޭނިއާގެ ލަނޑަށްފަހު ޕޯޗުގަލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ހާފުގައި ޕޯޗުގަލް އިން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، މިމެޗުގައި އެޓީމުގެ ބްރޫނޯ ފެނާންޑޭސް އަދި ޖޮއާއު ނެވޭސް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ.

މީގެ އިތުރުން މިމެޗުގައި ޕޯޗުގަލްގެ ގޮންކާލޯ ރާމޮސް، ފްރެންސިސްކޯ ކޮންސެސާއު އަދި ރެނާޓޯ ވިއޭގާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ހޯދި 13 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޕޯޗުގަލް އިން ކަށަވަރުކުރިއިރު، މިމެޗުން ބަލިވި އަރްމޭނިއާ އިން ކޮލިފައިންގެ މެޗުތައް ނިންމާލީ ކުޅުނު ހަ މެޗުން ހޯދި ތިން ޕޮއިންޓާއެކު ގުރޫޕްގެ ފުލުގައި އޮވެއެެވެ. އަދި މިގުރޫޕްގައި ރޭ ހަންގޭރީއާ އަޔަލޭންޑް ވާދަކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އަޔަލޭންޑުން ވަނީ ޕްލޭއޮފްގެ ޖާގައެއް ކަށަވަރުކޮށްފައެވެ.



