ފުވައްމުލަކު ރައްޔިތުން ބޭނުންވިގޮތަށް ކޮންމެ އަވަށެއްގައި ކައުންސިލަރަކު ހުންނަގޮތް ހެދުމަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ ކޮމްޕޯސިޝަން މިހާރު އޮތްގޮތުން ތިން އަވަށަށް އެއް ކައުންސިލަރަކު ހުންނަގޮތަށް ބައެއް ދާއިރާތައް ކަނޑައެޅިފައިވެއެވެ. އެކަމުގެ ސަބަބުން އަވަށްތަކުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ސިޓީ ކައުންސިލާ ހަމައަށް ގެންދިޔުމަށް އެކަށީގެންވާ މަސައްކަތްތައް ނުކުރެވޭ ކަމުގެ ޝަކުވާ އެ ސިޓީގެ ރައްޔިތުން ކުރެއެވެ.
މި ބަދަލު ގެނައުމާއެކު ކޮންމެ އަވަށަކުން އެ އަވަށެއްގެ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރާ ކައުންސިލަރަކު ސިޓީ ކައުންސިލްގައި އެ އަވަށް ތަމްސީލު ކުރައްވަނެއެވެ. މިކަމުގެ ސަބަބުން ފުވައްމުލަކުގެ އަށް އަވަށުގެ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ސަރުކާރުން މި އިސްލާހު ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ފުވައްމުލައް ސިޓީއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް އަޑުއެއްސެވުމަށްފަހުއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި މައްސަލަތަކަށް ރައީސް މުއިއްޒު ގެންދަވަނީ ހައްލު ގެނެސްދެއްވަމުންނެވެ. އެމަނިކުފާނު ތަކުރާރުކޮށް ދެއްވާ ޔަގީންކަމަކީ ރައްޔިތުން ނޭދޭގޮތަކަށް ވެރިކަން ނުކުރައްވާނެ ކަމުގެ ޔަގީންކަމެވެ.



