- Advertisement -spot_img

މާލޭގެ ރައްޔިތުންނަށް ރައީސް ދެއްވީ އުފާވެރި ޚަބަރެއް، ގިރާވަރުފަޅު ހިއްކަން ވަރަށް އަވަހަށް ފަށަނީ

މާލޭގެ ރައްޔިތުންނަށް ގޯތި ދީފައިވާ ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ގިރާވަރުފަޅުން މާލޭގެ ރައްޔިތުންނަށް ގޯތިދީފައެވެ. ގޯތި ދީފައި ވަނީ ނުހިއްކައި އޮތް ފަޅަކުންނެވެ. އެ ފަޅު ހިއްކައި ހައްގުވެރީންނަށް ގޯތިތައް ހަވާލުކޮށްދެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އިދިކޮޅު އެމްޑީޕީން މިހާތަނަށް ބުނަމުން އައީ އެ ވައުދު ފުއްދެވުމަށް ރައީސް މުއިއްޒު މަސައްކަތް ނުކުރައްވާ ކަމަށެވެ.

ނަމަވެސް ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް ވަނީ ގިރާވަރުފަޅުން ގޯތި ލިބުނު މާލޭގެ ރައްޔިތުންނަށް އުފާވެރި ޚަބަރެއް ދެއްވާފައެވެ.

ރައީސް ވިދާޅުވީ ގިރާވަރުފަޅު ހިއްކަން ބޭނުންވާ ޑްރެޖަރު މި މަހުގެ 23 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ. އަދި އެއަށްފަހު ލަސްތަކެއްނުވެ އެ ފަޅު ހިއްކުމުގެ މަސައްކަތް އަލުން ފެށޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. 

މީގެއިތުރުން މާލޭގެ ރައްޔިތުންނަށް ގޯތި ދީފައިވާ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ވެސް މިދިޔަ ހަފްތާގައި ވަނީ އަލުން ފަށާފައެވެ.

ރައީސް މުއިއްޒު ވަނީ އެ މަސައްކަތް ކުރިއަށްދާ ތަނަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ.

ގުޅުންހުރި ލިޔުންތައް