އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖުތަމަޢެއް ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެން: ފަސްޓް ލޭޑީ

ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖުތަމަޢެއް ރާއްޖޭގައި ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓް ލޭޑީ މިފަދައިން ވިދާޅުވީ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖްތަމަޢެއް ރާއްޖޭގައި ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެން. ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހޯދައި، ޞިއްޙީ އާދަތަކުގައި ހިފެހެއްޓުމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހަދަމާތޯ؟

ފަސްޓް ލޭޑީ ވިދާޅުވީ ގުޅިގެން މަސައްކަތްކޮށްފިނަމަ ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުން އެންމެ ދުރުހެލި، މިފަދަ ބަލިތަކަށް އެންމެ އިތުބާރާއެކު ފަރުވާދެވޭ އެއް ޤައުމަކަށް ދިވެހިރާއްޖެ ހެދުމުގެ ލަނޑުދަނޑި ޙާޞިލުކުރެވޭނެ ކަމަށެވެ. އަދި ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހޯދައި، ޞިއްޙީ އާދަތަކުގައި ހިފެހެއްޓުމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

މީގެއިތުރުން އެ ކަމަނާ ވަނީ ރަނގަޅު ޞިއްޙީ އާދަތަކުގެ މަޢުލޫމާތު ހޯދައި، އެ އާދަތައް އަށަގެންނެވުމަށް އިލްތިމާސްކުރައްވައިފިއެވެ.

ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ހަކުރު ބަލިން ރައްކާތެރިވުމާ ބެހޭގޮތުން ހޭލުންތެރިކަން އުފައްދުމެވެ. އަދި ބަލި ތަޙައްމަލުކުރާ މީހުންގެ ދިރިއުޅުން ބައްޓަންކުރަންޖެހޭ ގޮތާ މެދު ހޭލުންތެރިކަން އުފެއްދުމަކީވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމެކެވެ.

ގުޅުންހުރި ލިޔުންތައް