އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ސަންޑަލެންޑާއި ދެކޮޅަށް ކުޅުނު މެޗުން މޮޅެއް ނުލިބި ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
މި މެޗުގައި ސަންޑަލެންޑަށް ލީޑުނަގައިދިނީ، ސަންޑަލެންޑްގެ ޑަނިއަލް ބަލާޑް ޖެހި ގޯލުންނެވެ. އެ ލަނޑުން ސަންޑަލެންޑުން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލި އެވެ. އެކަމަކު، ދެ ވަނަ ހާފަށް ކުޅެން އަރައި، އާސެނަލުން ދެ ލަނޑު ޖަހައި ނަތީޖާ އަނބުރާލި އެވެ. ސަންޑަލެންޑުން ހެދި ގޯހެއްގެ ފައިދާނަގައި، ބުކާޔޯ ސަކާ، އޭރިއާތެރެއިން ޖެހި ގޯލުން އާސެނަލުން އެއްވަރުކުރިއިރު، އާސެނަލަށް ލީޑު ނަގައިދިނީ އޭރިއާބޭރުން، ލެއަންޑްރޯ ޓްރޮސާޑް ޖެހި ގޯލުންނެވެ.

އިތުރު ވަގުތުގެ ހަތް މިނިޓްގެ ތެރެއިން ހަތަރު ވަނަ މިނިޓްގައި ސަންޑަލެންޑަށް އެއްވަރުކޮށްދިން ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި، ބްރައިން ބްރޮބީ އެވެ. އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ އާއި ޑިފެންޑަރު، ގަބްރިއަލް މަގާޅައެސް މެދުތެރެއިން އަރައި، ބްރޮބީ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަހުން، އާސެނަލް މޮޅުކޮށްދޭން ކުޑައޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، މިކޭލް މެރީނޯ ޖެހި ބޯޅަ ސަންޑަލެންޑްގެ ބަލާޑް ވަނީ ބްލޮކްކޮށްފައެވެ.

ލީގުގެ އެއް ވަނައިގައި އާސެނަލް އޮތީ 11 މެޗުން ލިބުނު 26 ޕޮއިންޓާ އެކުއެވެ.



