ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ތާވަލުގެ ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އިން ފަހަތުން އަރައި 2-2 އިން ލީގުގެ ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއްވަރުކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗު ފަށައިގެން، 10 ވަނަ މިނިޓްގައި ނިއު އިން ލީޑުނެގީ ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި މޮޅު ގޯލުންނެވެ. ނިއު އިން 22 ވަނަ މިނިޓްގައި، ލީޑުފުޅާކުރީ ބްރެޒިލްގެ މިޑްފީލްޑަރު، ލުއިސް ގޯމޭސް ޑަ ސިލްވާ ޖެހި ގޯލުންނެވެ.

ގްރީން ސްޓްރީޓްސް އިން އެއްވަރުކުރީ ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިގެންނެވެ. މެޗުގެ 55 ވަނަ މިނިޓްގައި، ގްރީން ސްޓްރީޓްސްގެ ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީ އަކުން މިސްރުގެ އެލްސައީދު އަބްދެލްފައްތާހު އެވެ. ނިއު އިން ތިން ވަނަ ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުނުވުމުގެ ނަތީޖާ އަކަށްވީ މެޗުގެ 88 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ދެ ވަނަ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރުމެވެ. މި ލަނޑު ގްރީން ސްޓްރީޓްސް އަށް ޖަހައިދިނީ ޑިފެންޑަރު، އުޒްބެކިސްތާންގެ ޝުކްރާލީ ޕުލާޓޯވް އެވެ.

ކުޅުނު ހުރިހާ މެޗަކުން މޮޅުވި، މާޒިޔާ އިން އެއް ވަނައިގައި އޮތީ ހަތް މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ނިއު އިން ހަތް މެޗުން ހޯދީ 17 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ވަނީ ހަތް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.



