ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ވިކްޓަރީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް ކްލަބް ވެލެންސިއާ އިން މި ފަހަރުގެ ލީގުގައި ދެ ވަނަ މޮޅު ހޯދައިފިއެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ. ވިކްޓަރީގެ ހަމަލާތައް ހުއްޓުވުމުގައި ވެލެންސިއާގެ ގޯލު ބެލެހެއްޓި މޮލްޑޯވާގެ ކީޕަރު ވިއޮރެލް ބޮއިއާން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

މެޗުގައި ވެލެންސިއާ އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 79 ވަނަ މިނިޓްގައި އެ ޓީމުގެ މިޑްފީލްޑަރު، އަހުމަދު އަތުވާން އަލީ އެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން، ވެލެންސިއާގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީ ނެގި ހުރަހަކަށް ފުންމައިގެން އަރައި، އަތުވާން ބޮލުން ޖެހި ބޯޅަ ވިކްޓަރީގެ ސީރިއާ ކީޕަރު މަހުމޫދު އަލް ޔޫސުފް އަތްމަތިން ވަނީ ގޯލުގެ ކަނަށެވެ.

މިއީ، ވިކްޓަރީގެ ކޯޗުކަމާއި ސްލޮވާކިއާގެ ޖޯޖްލީ ގެރީ ހަވާލުވި ފަހުން ބަލިވި ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން ބަލިވިއިރު، އޭގެ ފަހުން ކުޅުނު ދެ މެޗުން، ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ އަަތުން މޮޅުވި އެވެ. އެކަމަކު، ވެލެންސިއާއާ ކުޅެން ޖެހި މި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.
ލީގުގައި ދެން ވިކްޓަރީ ކުޅޭ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ކުޅޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ އެވެ. އަދި، ވެލެންސިއާ އިން ކުޅޭ މެޗުގައި، 23 ވަނަ ދުވަހު، ކްލަބް އީގަލްސްއާ ބައްދަލުކުރާނެ އެވެ.



