206 މަޝްރޫއާއެކު ރާއްޖޭގެ އިގްތިސާދަށް ދިރުން އަންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތާރީޚްގައި ވެސް އެއްފަހަރާ ގިނަ މަޝްރޫއުތަކުގައި ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ސޮއިކުރި 206 މަޝްރޫއުގެ ނަތީޖާއަކަށް ވާނީ ރާއްޖޭގެ އިގްތިޞާދު ފުޅާވެގެން ދިޔުން ކަމަށެވެ.
”މީގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑު ޔަގީންކުރަން ރާއްޖޭގެ އިގްތިސޯދު ފުޅާވެގެން ދިއުން. އިގްތިސޯދަށް ދިރުން އައުން. ކޮންސްޓްރަކްޝަން އިންޑަސްޓްރީ ހާއްސަ ގޮތެއްގައި ކުރިއަރައިގެން ދިއުން،“ އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު މަސައްކަތް ހަވާލުކުރި ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ލަސްތަކެއް ނާންނާނެ ކަމަށެވެ.
”ޕޭމެންޓުގެ، ފައިސާ ލިބުމުގެ އެއްވެސް ތާށިކަމެއް ނާންނާނެ މަޝްރޫއުތަކެއްގައި ސޮއިކުރެވިގެން މި ދިޔައީ. އާންމުކޮށް ސަރުކާރު ތެރެއިން ފައިސާ ދޫކުރުމުގައި އެ ހުންނަ ދަތިކަމުގެ ތެރެއިން އެ އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެ،“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ގިނަ އަދަދެއްގެ މަޝްރޫއުތައް އެއްފަހަރާ ހަވާލުކުރީ ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖްރާއަތެއް ފުރިހަމަކުރުމަށްފަހު ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.
ދެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރި ބުރަ މަސައްކަތުން ރާއްޖޭގެ އިގްތިޞާދު ރަނގަޅު މިސްރާބަކަށް ގެންދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ޑިފޯލްޓު ކުރުމަށް ޑިޒައިންކޮށްފައި އޮތް އިގުތިސޯދެއް ނަގާ ކޮޅަށް ޖަހާ، ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު ސަރުކާރުގެ ތެރެއިން އެންމެން ވެގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު މި ސޮއިކުރުމާ ހަމައަށް ވެސް މި އާދެވުނީ،“ ރައީސް ވިދާޅުވިއެވެ.



