އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ބުރިޖާއި ޓަނަލް އަޅަން 799 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
އެ ބަޖެޓުގައި ދަތުރުފަތުރުގެ ބިނާރީ ތަރައްގީއަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ، ވަނީ ހިމަނާފައެވެ.
އަންނަ އަހަރަށް ބުރިޖުތަކާ ޓަނަލް އެޅުމަށް ހާއްސަކޮށް 799 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، މިދިޔަ އަހަރު މި މަޝްރޫއުތަކަށް ސަރުކާރުން ކަނޑައެޅީ 688 މިލިއަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި 541 މިލިއަން ރުފިޔާ ވަނީ އެއާޕޯޓް ހެދުމުގެ މަޝްރޫއުތަކަށް ކަނޑައަޅާފައެވެ.
ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި 393 މިލިއަން ރުފިޔާ ކަނޑައެޅިއެވެ.
މަގުތަކާއި ހައިވޭތަކުގެ މަޝްރޫއުތަކަށް 556 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ކަނޑުގެ އާންމު ދަތުރުފަތުރުގެ ނިޒާމަށް ތިން މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ކަނޑު ދަތުރުފަތުރު ނިޒާމަށް 89 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ވަނީ ހިމަނާފައެވެ.



