ސައުދީ ޕްރޮފެޝަނަލް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް ފެއިހާ އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ އަލް ނަސްރުން ތާވަލުގެ އެއްވަނައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް ފައިހާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޖޭސަން ރެމެސޭއިރޯއެވެ.

އަލް ނަސްރުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އެޓީމު ފްރާންސް ފޯވާޑް ކިންގްސްލީ ކޯމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އަލް ނަސްރުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އަލް ފެއިހާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ނަމަވެސް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެން މެޗު ނިމެންދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން އަލް ނަސްރު މިމެޗުން މޮޅުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މިއީ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި ކުލަބަށާއި ގައުމީ ޓީމަށް އޭނާ ކާމިޔާބުކުރި 952 ވަނަ ލަނޑެވެ. އަދި ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް ރޮނާލްޑޯ މީހާރު ބޭނުންވަނީ 48 ލަނޑެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތް މެޗުން ވެސް މޮޅުވެ 21 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި އަލް ނަސްރު އޮތްއިރު، މިމެޗުން ބަލިވި އަލް ފެއިހާ އިން ލީގުގައި ކުޅުނު ހަތް މެޗުން ހޯދި އަށް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.



