ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ދުންފަތާ ދެކޮޅަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ދުވުމެއް ފަށައިފި

ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ޚާއްސަ ދުވުން ފަށައިފިއެވެ. މިއީ 1 ނޮވެމްބަރުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާ ”ޖެނެރޭޝަނަލް ބޭން“ އާއި ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.

”ނެޝެނަލް ޓޯޗް ރަން“ މި ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ފަށްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒީމް އިބްރާހީމެވެ. މި ދުވުން ކުރިއަށްދާނީ މިއަދު ހަވީރު 4 އިން ފެށިގެން މާދަމާ ހަވީރު 4 އަކާ ހަމައަށް މާފަންނު އެކުވެނި ޓްރެކުގައެވެ. މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އެޗްޕީއޭގެ ފަރާތުން ބުނެފައިވަނީ ޖެނެރޭޝަން ބޭންގެ އެންމެ މުހިންމު ބޭނުމަކީ ޖީލަކަށްފަހު ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތްކުރުންކަމަށާއި، ކުޑައިރުންސުރެ ދުޅަހެޔޮ ފުދުންތެރި ދިރިއުޅުމަކަށް ބާރު އެޅުންކަމަށެވެ.

24 ގަޑިއިރަށް ދެމިގެންދާ މި ދުވުމަކީ ދުންފަތުގެ ނުރައްކާތެރިކަން އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ދުވުމެކެވެ. މި ދުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

”ނެޝެނަލް ޓޯޗް ރަން“ގެ ތެރެއިން ދުންފަތުގެ ވަބާއިން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކާ މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، ދުންފަތުގެ ނުރައްކާ އަންގައިދީ ހޭލުންތެރިކުރުމަށްޓަކާ ހާއްސަ އެޑްވޮކަސީ ސްޓޯލްތައް ބަހައްޓާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް