އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އިނގިރޭސި ލީގު ކަޕް: ކްރިސްޓަލް ޕެލަސް އަތުން ބަލިވެ ލިވަޕޫލް މުބާރާތުން ކަޓައިފި

އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި އަމިއްލަ ދަނޑުގައި ޕްރެމިއާ ލީގުގެ ކްރިސްޓަލް ޕެލަސް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ ލިވަޕޫލް މުބާރާތުން ކަޓައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މިހާފުގައި ކްރިސްޓަލް ޕެލަސް އިން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ.

ކްރިސްޓަލް ޕެލަސް އަދި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި އިސްމާއިލާ ސާރ ކާމިޔާބުކުރިއިރު، އޭގެ ހަތަރު މިނެޓްފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ވެސް އުމުރުން 27 އަހަރުގެ ސެނަގާލް ފޯވާޑް ސާރ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މިހާފުގައި އެޓީމުގެ އެޓޭކުތައް ފެނުނީ ވަރަށް ވެސް ދަށްކޮށެވެ. އަދި މިދެޓީމު އެންމެ ފަހުން ޕްރެމިއާ ލީގުގައި ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް އިން ކާމިޔާބުކޮށްފައިވާއިރު، މިހާފުގައި އެޓީމު އެޓޭކުތައް ފެނިގެންދިޔައީ މާބޮޑަށް ވެސް ވަރުގަދަކޮށެެވެ.

ކްރިސްޓަލް ޕެލަސް އަދި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

މީގެ އިތުރުން މިމެޗުގައި ލިވަޕޫލަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން މިޑްފީލްޑަރުއަމާރާ ނަލޯ ކުޅެން ނިކުތްތާ 13 މިނެޓް ފަހުން މެޗުގެ 79 ވަނަ މިނެޓުގައި ހޯދި ރަތްކާޑާއެކު މެޗުގެ ބާކީބައި އެއްކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހުމުންނެވެ.

ލިވަޕޫލުން އެއްކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ޕެލަސް އިން އެޓީމު ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 88 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން ފޯވާޑް ޔެރަމީ ޕިނޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލަގައި ކްރިސްޓަލް ޕެލަސް ވާދަކުރަން ޖެހެނީ ޕްރެމިއާ ލީގުގެ އާސެނަލް އާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭ އާސެނަލްގެ ދަނޑުގައެވެ.

ގުޅުންހުރި ލިޔުންތައް