އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އިނގިރޭސި ލީގު ކަޕް: އާސެނަލް، ސިޓީ އަދި ޗެލްސީން ކުއާޓާ ފައިނަލުގެ ޖާގަ ހޯދައިފި

އިނގިރޭސި ލީގު ކަޕްގައި ރޭގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް އާސެނަލް، މެންޗެސްޓާ ސިޓީ އަދި ޗެލްސީން ކުއާޓާ ފައިނަލުގެ ޖާގަތައް ހޯދައިފިއެވެ.

އާސެނަލް ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު އީތަން ނުވަނޭރީ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ބުކަޔޯ ސަކާ އެވެ.

އާސެނަލް އަދި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

ރަށުން ބޭރުގައި އިނގިރޭސި ފުރަތަމަ ޑިވިޝަންގެ ސްވަންސީ އާއި ދެކޮޅަށް މެންޗެސްޓާ ސިޓީ އިން ކުޅުނުމެ ޗުގައި މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސްވަންސީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ގޮންކާލޯ ފްރަންކޯ އެވެ.

މެންޗެސްޓާ ސިޓީ އަދި ސްވަންސީ ބައްދަލުކުރި މެޗުގެ ތެރެއިން

މެންޗެސްޓާ ސިޓީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި އެޓީމުގެ ބެލްޖިއަމް ފޯވާޑް ޖެރަމީ ޑޮކޫ ކާމިޔާބުކުރިއިރު، އެޓީމުން މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑުހޯދި ލަނޑު ފަހުހާފުގެ 77 ވަނަ މިނެޓިގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު ފޯވާޑް އޮމަރު މަރުމޯޝް އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ރަޔާން ޗަރުކީއެވެ.

ވުލްވްސް އާއި ދެކޮޅަށް ޗެލްސީ އިން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ވުލްވްސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ތިން ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޗެލްސީ އިން ވެސް ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.

ޗެލްސީ އަދި ވުލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން

އެގޮތުން މިމެޗުގައި ޗެލްސީގެ އެސްޓެވާއޯ، އަންދަރޭ ސަންތޯސް، ޓަރީކް ޖޯޖް، ޖޭމީ ގިޓެންސް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މިއީ އެއްވެސް މުބާރާތެއްގައި ޕްރެމިއާ ލީގު ކުލަބެއްގެ 21 އަހަރުން ދަށުގެ ހަތަރު ކުޅުންތެރިއަކު އެއްމެޗެއްގައި ލަނޑުޖެހި ފުރަތަމަ މެޗެވެ.

މީގެ އިތުރުން މިމެޗުގައި ވުލްވްސްގެ ނޯވޭ ޑިފެންޑަރު ޑޭވިޑް މޮލާ ވުލްފް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއްލަނޑު ކާމިޔާބުކޮށްދިނީ ނައިޖީރިއާ ފޯވާޑް އެމެނުއެލް އެރެކޮޑޭއާ އެވެ. އަދި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޗެލްސީގެ އިނގިރޭސި ފޯވާޑް ލިއަމް ޑެލަޕްއަށް ދެވަނަ ރީނދޫ ކާޑާއެކު މެޗުގެ 86 ވަނަ މިނެޓުގައި ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލަގައި އާސެނަލް ވާދަކުރަން ޖެހެނީ ޕްރެމިއާ ލީގުގެ ކްރިސްޓަލް ޕެލަސް އާއެވެ. އަދި މެންޗެސްޓާ ސިޓީ އިން ބްރޭންޓްފޯޑާއި ދެކޮޅަށް ނުކުންނައިރު ޗެލްސީ އިން ކުޅޭނީ އިނގިރޭސި ދެވަނަ ޑިވިޝަންގެ ކާޑިފް ސިޓީ އާއި ދެކޮޅަށެވެ. މިމެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ.

ގުޅުންހުރި ލިޔުންތައް