އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށް އާސެނަލް އިން ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކުރިއިރު، އެސްޓަންވިލާ އިން މެންޗެސްޓާ ސިޓީ ހުއްޓުވައިފިއެވެ.
އާސެނަލްގެ އެމިރޭޓް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އާސެނަލް އިން މެޗުގެ ލީޑުހޯދީ ފުރަތަަމަ ހާފުގެ 39 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކަމިޔާބުކޮށްދިނީ ދާދިފަހުން ކްރިސްޓަލް ޕެލަސް ދޫކޮށް އެޓީމާއި ގުޅުނު އިނގިރޭސި މިޑްފީލްޑަރު އެބެރިޗީ އެޒޭ އެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ނުވަ މެޗުން އާސެނަލްއަށް 22 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ޕޮއިންޓްގެ ލީޑަކާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ކްރިސްޓަލް ޕެލަސް އިން ލީގުގައި ކުޅުނު ނުވަ މެޗުން ހޯދި 13 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.
މެންޗެސްޓާ ސިޓީ އަދި އެސްޓަން ވިލާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އެސްޓަން ވިލާ އިން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މަޓީ ކޭޝް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި މިޑްފީލްޑަރު އެމެލިއާނޯ ބުއެންޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ސިޓީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އެސްޓަން ވިލާގެ ގޯލަށް 16 ހަމަލާއެއް ފޮނުވާލަފައެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި އެޓީމުގެ ނޯވޭ ފޯވާޑް އެރްލިންގް ހާލަންޑް އެޓީމަށް ލަނޑެއް ވެސް ކާމިޔާބުކޮށްދިނެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
މީގެ އިތުރުން މިމެޗާއެކު ކުލަބަށާއި ގައުމީ ޓީމަށް ޖެހިޖެހިގެން 12 މެޗުގައި ލަނޑުޖަހައިގެން ކްރިސްޓިއާނޯ ރޮނާލްޑޯއެކު ހާލަންޑް ހިއްސާކުރަމުން އަންނަ ރެކޯޑް މުގުރާލުމަށް ލިބުނު ފުރުސަތު، ހާލަންޑަށް ވަނީ ބޭނުން ކުރެވޭ ގޮތްނުވެފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ނުވަ މެޗުން އެސްޓަން ވިލާއަށް 15 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ސިޓީއަށް ލީގުގައި ކުޅުނު ނުވަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގު ފަސްވަނައިގައެވެ.



