ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

މަސްވެރިންގެ ދުވަސް: އެއް ވަނަ ޓީމަކަށް 10،000 ރުފިޔާ ލިބޭ ކެއްކުމުގެ މުބާރާތެއް ދުވާފަރުގައި ބާއްވަނީ

މި އަހަރުގެ މަސްވެރިންފެ ދުވަސް ގައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އެއް ވަނައަށް ދާ ޓީމަކަށް 10،000 ރުފިޔާ ލިބޭ ކެއްކުމުގެ މުބާރާތެއް ރ. ދުވާފަރުގައި ބާއްވަން ނިންމައިފިއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމާފައި ވަނީ ދުވާފަރުގައެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ”ރަހަވަރު“ގެ ނަމުގައި ބާއްވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަރު ނޮވެމްބަރު 15 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. 

މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭނީ އޮންލައިން ފޯމެއް މެދުވެރިކޮށެވެ. އެ ފޯމު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.

އެ މުބާރާތުގެ ދެވަނަ އަށްދާ ޓީމަކަށް 7000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ އަށްދާ ޓީމަކަށް ދިނުމަށް ހަމަޖެހިފައި ވަނީ 5000 ރުފިޔާއެވެ.

އެ މުބާރާތް ބޭއްވުމުގެ މަގްސަދަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތައްކަށް އެ ދާއިރާއިން ފުރުސަތު ފަހިކޮށް، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެފަރާތްތައް ބައިވެރިކުރުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އަދި ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި ދިވެހިންގެ ކެއުން ބުއިމުގެ އާދަކާދަތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ތަފާތު އާ ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ، ބޭނުންކުރުމުގެ މުހިންމުކަން ދައްކުވައިދިނުމަކީ ވެސް އެ މުބާރާތް ބާއްވާ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެ މުބާރާތުގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ ފަރާތްތަކަށެވެ. އެ މުބާރާތުގައި ޕްރޮފެޝަނަލް ދާއިރާއިން ދެއްކުމުގައި މަސައްކަތް ކުރާ ފަރާތްތަކަށް ބައިވެރިނުވެވޭނެއެވެ.

ކޮންމެ ޓީމަކީ ވެސް ރ. އަތޮޅަށް ނިސްބަތްވާ ޓީމަކަށް ވާންޖެހޭއިރު، ޓީމެއްގައި ތިބެވޭނީ ޖުމްލަ ތިން މެންބަރުންނެވެ. މަދުވެގެން ދެ މެންބަރުން ކޮންމެ ޓީމެއްގައި ތިބުން ލާޒިމެވެ.

މުބާރާތުގައި ޖާގަދެނީ ޖުމްލަ 12 ޓީމަށެވެ. ފުރުސަތު ދޭން ނިންމާފައި ވަނީ ނަންނޯޓްކުރާ ތަރުތީބުންނެވެ. 

މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް