އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ މިއަދު ނަގާ ވޯޓަށް މެންދުރު 1 އާއި ހަމައަށް 2097 މީހުން ވޯޓްލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން، އީސީ އިން ބުނެފިއެވެ.
ފޭދު އާއި މީދޫ އަދި ހުޅުދު އަށް ހާއްސަ މި ވޯޓްގައި ވޯޓްލާން ފެށީ ހެނދުނު 8:00 ގައެވެ.
މި ފެންނަ ނުފެނަނަ ވޯޓްގައި ތިން އަވަށުން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 9،576 އެވެ. އެގޮތުން ފޭދޫން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 4،355 އެވެ. މީދޫން 2،347 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބިފައިވާ އިރު، ހުޅުދޫގެ 2،874 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބެއެވެ.

ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
މި ވޯޓަށް ޖުމްލަ 18 ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އެއީ އައްޑޫގައި ބެހެއްޓި 11 ފޮއްޓާއި މާލޭގައި ބެހެއްޓީ 7 ފޮއްޓާ އެކީގަ އެވެ. ފޭދޫގައި ޖުމްލަ 5 ފޮށި ބަހައްޓާފައިވާ އިރު، މީދޫގައި ތިން ފޮށި އަދި ހުޅުދޫގައި ވެސް ތިން ފޮށި ބަހައްޓާފައިވެ އެވެ.
މާލޭގައި ބެހެއްޓި ފޮށިތަކަށް ބަލާ އިރު ފޭދޫ ރައްޔިތުން ވޯޓުލާން ތިން ފޮއްޓާއި ހުޅުދޫ ރައްޔިތުން ވޯޓުލާން ތިން ފޮށީގެ އިތުރުން މީދޫގެ ރައްޔިތުން ވޯޓުލާން އެއް ފޮށި ބަހައްޓާފައިވެ އެވެ.
އެ މީހަކު ވޯޓްލާން ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު VR (SPACE) NID NO ޖަހާފައި 1414 އަށް މެސެޖްކޮށްގެން ބަލާލެވޭނެއެވެ.
އައްޑޫގައި މި ބާއްވާ ރެފަރެންޑަމަކީ ވަކި ސަރަހައްދެއްގައި ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ދާދި ފަހުން އެކުލަވާލި ގާނޫނުގެ ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.



