ގޭގައި މަރުވެފައި ތިއްބައި އައްޑޫ ހިތަދޫން ފެނުނު ދެމަފިރިންގެ ޖަނާޒާ މިއަދު ހުކުރު ނަމާދަށް ފަހު ބާއްވަން ނިންމައިފި އެވެ.
މަރުވެފައި ތިއްބައި މިދިޔަ ބުދަ ދުވަހު ހަވީރު ފެނުނު ދެ މީހުންނަކީ ހިތަދޫ ކްރޭންގޭ އިބްރާހިމް އަބްދުﷲ ،61، އާއި މަރަދޫ ނާރެސް، ފަރުހަނާޒް ރަޝީދު ،52، އެވެ.
އެ ދެމަފިރިން މަރުވެފައި ތިއްބައި ފެނުނީ އެ މީހުންނަށް ގުޅުމުން ފޯނު ވެސް ނުނަގާތީ އާއި އެއްވެސް ޚަބަރެއް ނުވާތީ އާއިލާގެ ބަޔަކު ގޭގެ ފުރާޅުން ޓިނު ނައްޓައިގެން އަރައި ބެލި އިރު އެވެ. އެ މީހުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ދިރިއުޅެމުން އައީ ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދުގައި އަލަށް އިމާރާތްކޮށްގެން ބަދަލުވި ގޭގަ އެވެ.
އިބްރާހީމާއި ފަރުހަނާޒްގެ މައްޗަށް ކަށުނަމާދު ކުރަން ހަމަޖެހިފައި ވަނީ ވަކިވަކިންނެވެ.
އިބްރާހިމްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ ހުކުރު ނަމާދަށް ފަހު ހިތަދޫ މަސްޖިދު ތަޤްވާ (ހުސައިން މޫސާ މިސްކިތް) ގައެވެ. ފަރުހަނާޒްގެ މައްޗަށް ކަށުނަމާދު ކުރާނީ އޭނަގެ އުފަން ރަށް ކަމަށްވާ މަރަދޫ މަސްޖިދު އިޙްލާސް (ބުރުޒު މިސްކިތް) ގައެވެ.
މަރުވެފައި ތިއްބާ ފެނުނުތާ ދެ ދުވަސް ފަހުން ދެމަފިރިންގެ ޖަނާޒާ މިއަދު ބާއްވަން ނިންމީ އެ މީހުންގެ މަރާ ގުޅޭ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން އެކަމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފުލުހުން ބުދަ ދުވަހު ބުނެފައިވާ ގޮތުގައި ދެމަފިރިންގެ މަރުގައި ޝައްކުވާ ޒާތުގެ ކަމެއް ފާހަގަކުރެވިފައެއް ނުވެއެވެ.



