އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ މަޝްރޫއުތައް ނިންމުމަށް މިވީ ދެ އަހަރު ތެރޭ 170 މިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެެވެ.
ޝަހީމް މިހެން ވިދާޅުވީ، މިއަދު މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިދިޔަ ސަރުކާރުން ބަޔަކާ ހަވާލު ކޮށްގެން ހިތަދޫގައި އަޅަން ފެށި އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދަނީ އެ މަސައްކަތް ކުރަމުންދާ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ ކަމަށް އެނގިފައިވާ ކަމަށް ނާޒިލް މިއަދު ވަނީ ވިދާޅުވެފައެވެ.
އެކަމަށް ރައްދުދެއްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި ހިތަދޫ އިސްލާމީ މަރުކަޒުގެ ކޮންޓްރެކްޓަރަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ނުދީ ނޯންނާނެ ކަމަށެވެ.
މަސައްކަތްތައް ލަސްވަނީ އެމްޑީޕީ ސަރުކާރުން ގާބިލު ނޫން ކުންފުނިތަކާ މަސައްކަތްތައް ހަވާލުކުރާތީ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު އެ މިނިސްޓްރީގެ ދަށުން ހިންގާ މަޝްރޫއުތަކަށް 50 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭހެން އިސްލާމީ ދާއިރާތަކުގެ 15 މަޝްރޫއެއް އަންނަ ރޯދަމަހުގެ ކުރިން ނިމޭނެ ކަމަށެވެ. އޭގެ ތެރޭގައި 500 މީހުންގެ ޖާގައިގެ މިސްކިތްތަކާއި 700 މީހުންގެ ޖާގައިގެ މިސްކިތްތައް ހިމެނެއެވެ.



