އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

މުއާޒު އަލީގެ ބަންދަށް އިތުރު 10 ދުވަސް

އެމްޕީއެލްގެ ހުޅުމާލޭ ވިޔަފާރީގެ ބަނދަރުގައި ހުއްޓައި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ގެއްލުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި މުއާޒު އަލީގެ ބަންދަށް 10 ދުވަސް އިތުރުކޮށްފިއެވެ.

އޭނާ ހައްޔަރުކުރީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ޖެހީ ފަސް ދުވަހެވެ.

މުއާޒަކީ މިފްކޯގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި ހުރި މީހެކެވެ. އޭނާ މިހާރު ވަނީ އެއް މަހަށް ސަސްޕެންޑުކޮށްފައެވެ.

އެ މައްސަލާގައި ހިމެނެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހެދި ސައުދީ އަރަބިއްޔާގެ ސައުދީ ބިންލާދިން ގްރޫޕް (އެސްބީޖީ) އިން ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި ސިނގިރޭޓެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުނގެ ތެރޭގައި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވެސް ހިމެނެއެވެ. ދެން ހައްޔަރުކުރީ ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލްއެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ ހަ މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް