ރާއްޖެއިން ދަމަހައްޓަމުންދިޔަ، އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު އާކޮށްފިއެވެ.
ކުރިން އެ ރެކޯޑު ރާއްޖެއިން ހަދާފައިވަނީ ޓޫރިޒަމް މިނިސްޓްރީން 2019 ވަނަ އަހަރު ބޭއްވި ހަރަކާތެއްގައެވެ. އެފަހަރު ދުނިޔޭގެ ރެކޯޑު ހަދާފައިވަނީ އެއްފަހަރާ 521 މީހުން ފީނައިގެންނެވެ.

ބ. އަތޮޅު ކައުންސިލުން “ބާނި”ގެ ނަމުގައި މިއަދު ކުރިއަށްގެންދިޔަ ހަރަކާތުގައި ދުނިޔޭގެ ރެކޯޑު އާކޮށްފައިވަނީ އެއްފަހަރާ 623 މީހުން ފީނައިގެންނެވެ. އެ ރެކޯޑު ހަދާފައިވަނީ ބ. އަތޮޅު ވިލިނގިލިފަރު ފިނޮޅު ސަރަހައްދަށް ފީނައިގެންނެވެ. ބ. އަތޮޅު ކައުންސިލުން ފުރަތަމަ އަމާޒު ހިފީ، އެއްފަހަރާ 1000 މީހުން ފީނައިގެން ދުނިޔޭގެ ރެކޯޑު ހެދުމަށެވެ. ނަމަވެސް މިއަދުގެ ހަރަކާތުގައި ބައެއް މީހުން ޑިސްކޮލިފައިވެފައިވާކަން، ގިނަސް ވޯލްޑް ރެކޯޑުގެ އެޖުޑިކޭޓާ ވަނީ އިއުލާންކޮށްފައެވެ.

އެ ހަރަކާތަށްފަހު މިއަދު ބޭއްވި ހަފުލާއެއްގައި ދުނިޔޭގެ ރެކޯޑު ހެދިކަމުގެ ލިޔުން ގިނަސް ވޯލްޑް ރެކޯޑުގެ ފަރާތުން ބ. އަތޮޅު ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ. ކައުންސިލުގެ ފަރާތުން އެ ލިޔުމާ ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް އަހުމަދު އަފްރާހެވެ. ދުނިޔޭގެ އެ ރެކޯޑާއެކު ވަނީ ހަވާ އަރުވައިފައެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މީހުން ހޭލުންތެރިކުރުވުމާއި އަދި އެ އަތޮޅަކީ ޝައުވެރިކުރުވަނިވި ފަތުރުވެރި މަންޒިލެއް ގޮތަށް މުޅި ދުނިޔެއަށް އިޝްތިހާރުކުރުން ކަމަށެވެ. ދުނިޔޭގެ ރެކޯޑު ހެދުމަށް ބޭއްވި އެ ހަރަކާތަކީ އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ބޭއްވި އެފަދަ އެންމެ ބޮޑު ހަރަކާތެވެ.
މިއަދުގެ އެ ހަރަކާތުގައި ޕާޓްނަރުންގެ ގޮތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި ބ. އަތޮޅު ބަޔޮސްފިއާ ރިސާވް އަދި ދިރާގުން ބައިވެރިވިއެވެ.



