އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލް (ބާ ޓާމިނަލް) ގެ އޮޕަރޭޝަންސްތައް އާ ޓާމިނަލަށް ބަދަލުކޮށްފި އެވެ.

އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އެ އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންތައް އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

މި ބަދަލު ގެނެސްފައިވަނީ އާ ޓާމިނަލް ހުޅުވުމަށްޓަކައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންދާބޯޓުތައް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމުގައިވާތީ، ރަންވޭއަށް ކްލިއަރަންސް ހޯދުމަށްޓަކައި ބާ ޓާމިނަލާއި އެތަނާ އިންވެގެންވާ އިމާރާތްތަކާއި އަދި އުސް ތަންތަން ނަގައި ހުސްކުރަންޖެހޭތީ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލުން ވަމުން އަންނަ އިރު، ޓާމިނަލްގެ ހިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި ޓާމިނަލް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތައްޔާރުކުރެވިފައިވޭތޯ ކަށަވަރުކުރުމަށް ކުރިއަށްގެންދާ އޮރާޓް ޕްރޮސެސް މިހާރު ވަނީ ފަށައިފަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 9 ގަ އެވެ.

އެ އެއާޕޯޓްގެ ޒަމާނީ އައު ޓާމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ. ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުން ކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި މަތީ ފަންގިފިލާ ބޭނުން ކުރާނީ އިންޓަނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި ދެ ގޭޓު ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް