އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ގޮއިދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ގޮއިދޫ ކައުންސިލް އިދާރާގައެވެ.

ގޮއިދޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ސްކޫލްގެ އަށް ކްލާސްރޫމް ހިމެނޭ އިމާރާތުގެ މަސައްކަތް ހުއްޓިފައި ގިނަދުވަސްވެފައިވާތީ އެމަސައްކަތް ނިންމަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވައި، ކުޅިވަރުގެ ވަސީލަތްތައް އިތުރުކޮށް ދެއްވުމަށް ކައުންސިލުން އެދިވަޑައިގަތެވެ.

ގޮއިދޫ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް، ދަނޑުވެރިކަން ކުރާ ސަރަހައްދާއި ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. ރަށުގެ ތިން ސަރަހައްދަކުން ރަށްގިރަމުންދާކަން ފާހަގަކުރައްވައި، ރަށްގިރުމުގެ މައްސަލަވެސް ހައްލުކޮށްދެއްވުމަށް ގޮއިދޫ ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް