އެކައުންޓިންގ އަދި އޮޑިޓިންގ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަރުދަނާ ޕްރޮފެޝަނަލް ރެގިއުލޭޝަންތަކާއި ޤާބިލު ކަމަކީ ޚަރަދެއް ނޫންކަމަށާއި، އެއީ ފުދުންތެރިކަމާއި އިންސާފުވެރިކަން އިތުރުކުރުމުގެ ވަސީލަތްތަކެއްކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
11 އޮކްޓޯބަރު 2025 ގައި ބޭއްވުނު މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް 2025 އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދެމެހެއްޓެނިވި އަދި ހާމަކަން ބޮޑު އިޤްތިޞާދެއް ބިނާކުރުމަށްޓަކައި އެކައުންޓިންގ ދާއިރާއަށް އިންވެސްޓްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން ބޭއްވި މި ދެ ދުވަހުގެ ފޯރަމްގައި 300 އަށްވުރެ ގިނަ ޕްރޮފެޝަނަލުން ބައިވެރިވެފައިވެއެވެ. މި ފޯރަމްގެ ޝިޢާރަކީ ”މާލީ ހިންގުންތެރިކަމާއި ޖަވާބުދާރީވުން ހަރުދަނާކުރުން“ އެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެކައުންޓިންގ ދާއިރާއަކީ ހަރުދަނާ ދައުލަތުގެ މާލިއްޔަތު، ދެމެހެއްޓެނިވި ވިޔަފާރިތައް، އިންވެސްޓަރުންގެ އިތުބާރު އަދި އެންމެންނަށް ފައިދާވާ ގޮތަށް އިޤްތިޞާދު ކުރިއެރުވުމުގެ މައިގަނޑު ބިންގަލެވެ. ”އެކައުންޓިންގ ހަރުދަނާވުމުން، ހިންގުންތެރިކަން ވެސް ހަރުދަނާވޭ. ހިންގުންތެރިކަން ހަރުދަނާވުމުން، އިޤްތިޞާދު އިތުރަށް ސްޓޭބަލްވެ، ފުރުޞަތުތައް އިތުރުވެގެންދޭ،“ ވަޒީރު ވިދާޅުވިއެވެ.
މާލީ ބަޔާންތަކާއި އޮޑިޓްގެ އިންޓެގްރިޓީއަކީ އާމްދަނީގެ އިންސާފުވެރިކަމާއި، އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމާއި، ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކުގެ މެދުގައި ދިވެހިރާއްޖޭގެ އަގު ހިފެހެއްޓުމުގެ އަސާސްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ”ސަރުކާރުގެ އާމްދަނީ ނިޒާމުތަކާ މެދު އާންމުންގެ އިތުބާރާއި، އޮޑިޓްކޮށްފައިވާ ހިސާބުތަކާ މެދު އިންވެސްޓަރުންގެ އިތުބާރާއި، ރޭޓިންގ އޭޖެންސީތަކުގެ މެދުގައި އަޅުގަނޑުމެންގެ އަގު ހިފެހެއްޓިފައި އޮތުމަކީ އަޅުގަނޑުމެންގެ އެކައުންޓިންގ އަދި އޮޑިޓް ނިޒާމުގެ ފެންވަރާއި ބެލެހެއްޓުމާ ގުޅިފައިވާ ކަންކަން،“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވިގޮތުގައި، ސީއޭ މޯލްޑިވްސްއިން ހުށަހަޅާފައިވާ ދެ އިސްކަންދޭ މަޝްރޫޢު 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދާނެއެވެ.
ފުރަތަމަ މަޝްރޫޢަކީ އަމިއްލަ ވިޔަފާރިތަކަށް ބޭރުގެ އޮޑިޓް ޚިދުމަތް ފޯރުކޮށްދޭ އޮޑިޓަރުންނަށް އަމާޒުކޮށްގެން ހިންގާ އޮޑިޓްތަކުގެ ކޮލިޓީ ރިވިއު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން އޮޑިޓްތައް ކުރިއަށް ގެންދެވެނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ދިވެހިރާއްޖޭގެ ޤަވާޢިދުތަކާ އެއްގޮތަށްކަން ޔަޤީންކުރެވޭނެއެވެ. ދެވަނަ މަޝްރޫޢަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ އެކައުންޓަންޓުން ރަޖިސްޓަރީކޮށް ޤައުމީ ދަފްތަރެއް އެކުލަވާލުމެވެ. މީގެ ސަބަބުން މަސައްކަތްތެރިންގެ ހާލަތު ބެލުމަށް ފަސޭހަވެ، ނިޒާމުވެފައިވާ ޕްރޮފެޝަނަލް ތަރައްޤީއަށް އެހީތެރިވެދީ، ބަދަލުވަމުންދާ މާލީ އަދި ހިންގުމުގެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުން އިތުރުވެގެންދާނެއެވެ.
”ކޮލިޓީ ރިވިއުއާއި ޤައުމީ ދަފްތަރުއަކީ ޢަމަލީގޮތުން ކުރެވޭނެ، ހާސިލުކުރެވޭނެ އަދި އެކަތިއަނެކައްޗަށް ބާރުދޭ ކަންތައްތަކެއް. މި ދެ ކަންތައްތަކުން މިންގަނޑުތައް މަތިވެ، ޤާބިލުކަން އިތުރުވެ، ދައުލަތާއި އަމިއްލަ ދާއިރާގެ މާލީ މެނޭޖްމަންޓަށް ހާމަކަން ބޮޑު ބިންގަލެއް އެޅިގެންދާނެ،“ ވަޒީރު ވިދާޅުވިއެވެ.
އަމިއްލަ ދާއިރާއާއި، އޮޑިޓް ފާމްތަކާއި، ޕްރޮފެޝަނަލް މުޖުތަމަޢުއަށް ވަޒީރު ގޮވާލެއްވީ އެތެރޭގެ ކޮލިޓީ ކޮންޓްރޯލްތައް ހަރުދަނާކުރުމުގައާއި، ޒުވާން ދިވެހިންނަށް މެންޓަރކޮށްދިނުމުގައާއި، ޤައުމީ ދަފްތަރާއި ސީޕީޑީ އޮނިގަނޑު މެދުވެރިކޮށް މެދުނުކެނޑި ދަސްވުމުގައި ޢަމަލީގޮތުން ބައިވެރިވުމަށެވެ.
”އަޅުގަނޑުމެންގެ ރައްޔިތުންނަށް އަޅުގަނޑުމެން ބޭނުންވާ ފުދުންތެރިކަމަށް ވާސިލުވުމަށްޓަކައި އިތުބާރުހުރި ހިސާބުތަކާއި، މަސްއޫލިއްޔަތު އަދާކުރުމުގައި ގަވާއިދުތަކަށް ތަބާވުމާއި، އާންމުންގެ އިތުބާރު ބޭނުންވޭ،“ ވަޒީރު ވިދާޅުވިއެވެ. ”އެކައުންޓިންގ ދާއިރާއަކީ މި ތިން ކަމުގެ މައިގަނޑު ބިންގާ. މާލީ ކަންކަމާއި ތަރައްޤީގެ ރޭވުން ސީއޭ މޯލްޑިވްސްއާއި ފުޅާ ޕްރޮފެޝަނަލް މުޖުތަމަޢުއާ ގުޅިގެން އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެކި ދާއިރާތަކުގައި މާލީ ހިންގުންތެރިކަމާއި ޖަވާބުދާރީވުން ހަރުދަނާކުރުމަށް މަސައްކަތްކުރުމަށް ތައްޔާރަށް ތިބިން.“
މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް 2025 އަކީ ރާއްޖޭގައި އެކައުންޓިންގ އަދި ފައިނޭންސް ދާއިރާގެ ޕްރޮފެޝަނަލުން އެއްތަނަކަށް އެއްވާ އެންމެ ބޮޑު އަހަރީ ބައްދަލުވުމެވެ. މި ފޯރަމްގެ ސަބަބުން ހިންގުންތެރިކަމާއި، ޖަވާބުދާރީވުމާއި، ޕްރޮފެޝަނަލް ފެންވަރު މަތިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް، އެއްބާރުލުން އިތުރުކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ