ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ގެންދިއުމަށް ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފަރާތްތައް ހޮވުމަށް މި މަހުގެ 9 ވަނަ ދުވަހު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި އާއްމުންނަށް ފެންނާނެހެން ލައިވްކޮށް ގުރުއަތުލުން ބާއްވާފައިވައިވާއިރު ސަރުކާރުގެ ޚަރަދުގައި ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް 50 މީހަކު ހޮވާފައިވެއެވެ. އަދި އެއްވެސް ސަބަބެއް މެދުވެރިވެ ނުދެވިއްޖެ ހާލަތެއްގައި ދާނެ ފަރާތްތަކުގެ ގޮތުގައި 25 މީހަކު ހޮވާފައިވެއެވެ.
ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިއަދުގެ މެންދުރު 12:00 އާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ. މި ލިސްޓަށް އެއްވެސް ޝަކުވާއެއް ހުށައެޅުމަށް ބޭނުންވެލައްވާނަމަ hajjumra@islamicaffairs.gov.mv މި މެއިލްއަށް ޝަކުވާ ފޮނުވުމަށް އެ ވުޒާރާއިން އެދެއެވެ.
ގުރުއަތުން ހޮވުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާއްމު ކުރުމަށް ހަމަޖެހިފައިވަނީ ހުށައެޅޭ ޝަކުވާތަކަށް ބެލުމަށްފަހުގައެވެ.
ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަގީރުން ޙައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއަޒުގެ ރިޔާސީ ވަޢުދެކެވެ. އެ ވަޢުދުގެ ދަށުން އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ 1445 ވަނަ އަހަރުއެވެ. ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ވަޢުދުގެ ދަށުން 2025 ވަނަ އަހަރު ޙައްޖު މޫސުމުގައިވެސް 50 ފަޤީރުން ޙައްޖަށް ފޮނުވާފައިވާކަން ފާހަގަކޮށްލެވެއެވެ.