ފީފާ ވޯލްޑްކަޕް ކޮލިފައިންގް ޔޫރަޕްގެ ގުރޫޕް އޭގައި ރޭ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއަކުން ލަގްޒަމްބާގް ބަލިކޮށް ޖަރުމަނުން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ކޮލިފައިންގައި ޖަރުމަނު އެންމެ ފަހުން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން ނޮދަން އަޔަލޭންޑް އަތުން މޮޅުވެފައިވާއިރު، ކޮލިފައިންގައި ލަގްޒަމްބާގް އެންމެ ފަހުން ކުޅުނު މެޗުގައި ސްލޮވާކިއާ އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 7-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖަރުމަނުންނެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޖަރުމަނުން މެޗު ޑޮމިނޭޓްކުރިއިރު މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޑޭވިޑް ރައުމް އެވެ.
މިމެޗުގައި ލަގްޒަމްބާގަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ އެޓީމުގެ ޑިފެންޑަރު ޑްރިކް ކާސަން ކުރި ކުށަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއްދެއްކުމަށްފަހު ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެެވެ. އަދި މިފައުލާއެކު ރެފްރީ ވަނީ ޖަރުމަނަށް ޕެނަލްޓީއެއް ވެސް ދީފައެވެ.

ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ޖަރުމަނުގެ ޕެނަލްޓީ ކާމިޔާބުކޮށްދީ، މިޑްފީލްޑަރު ޖޯޝުއާ ކިމިޗް އެޓީމުގެ ލީޑު ފުޅާކޮށްދިންއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި 10 ކުޅުންތެރިންނާއި ދެކޮޅަށް ކުޅުނު ޖަރުމަނުން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު ފަހުހާފުގެ 48 ވަނަ މިނެޓުގައި ގްނެބްރީ ކާމިޔާބުކުރިއިރު އޭގެ ދެ މިނެޓްފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކިމިޗް އެވެ.
މިގުރޫޕްގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ނޮދަން އަޔަލޭންޑް އަތުން ސްލޮވާކިއާ ވަނީ ބަލިވެފައެވެ. އަދި މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކުން ވެސް ތިން މެޗު ކުޅެފައިވާއިރު، ޖަރުމަނު، ސްލޮވާކިއާ އަދި ނޮދަން އަޔަލޭންޑް މިއިން ކޮންމެ ޓީމަކަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.
ނަމަވެސް ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނައިގައި ޖަރުމަން އޮތްއިރު، ދެވަނަ ލިބެނީ ނޮދަން އަޔަލޭންޑަށެވެ. އަދި ތިންވަނައިގައި ސްލޮވާކިއާ އޮތްއިރު، ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ލަގްޒަމްބާގް މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.