ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

ބައިނަލްއަޤްވާމީ ޤާނޫނަކީ މާނައެއް ހުރި އެއްޗަކަށް ހެދުމަށް، އެ ޤާނޫނު ހުރިހާ ޤައުމެއްގެ މައްޗަށް ހަމަހަމަކަމާއެކު ހިންގަންޖެހޭނެ: ރައީސް

ބައިނަލްއަޤްވާމީ ޤާނޫނަކީ މާނައެއް ހުރި އެއްޗަކަށް ހެދުމަށް، އެ ޤާނޫނު ހުރިހާ ޤައުމެއްގެ މައްޗަށް ހަމަހަމަކަމާއެކު ހިންގަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީގެ ދަޢުލަތުގެ މީޑިއާ އޭޖެންސީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވެފައިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ނުކުޅެދިފައިވާ ކަމަށެވެ.

”ދިވެހިރާއްޖެއިން ފަލަސްތީނުގެ ހައްޤުގައި ޕަލަސްތީނުގެ ޕާސްޕޯޓުވެސް ވާނީ ބޭންކޮށްފަ. މީގެ އިތުރުން، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ގޮވާލުމާއި، އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބުމަށް ތާއީދުކުރުން ކުރިއަށް ގެންދާނަން،“ ރައީސް ވިދާޅުވިއެވެ.

އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ބަލައިނުގަނެވޭނެކަން އެ ޤައުމަށް އަންގައިދިނުމަށްޓަކައި، ސިޔާސީ ޕްރެޝަރާއި ހަރުދަނާ ފިޔަވަޅުތަކުގެ ޒަރީޢާއިން އެ ޤައުމު ޖަވާބުދާރީކުރުވަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ޤައުމުތަކުން އެމީހުންގެ ސިޔާސީ މަޞްލަޙަތު ކުރިއަށް ނެރެހާހިނދަކު އިސްރާއީލުން ހިންގާ ޖަރީމާތައް ޖަވާބުދާރީ ނުކުރެވޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުދި ޤައުމުތަކަށް ފަލަސްޠީނުގެ ހައްޤުގައި ވާހަކަދެއްކުމުގެ މިނިވަންކަން ލިބެނީ އެ ޤައުމުތައް ބޮޑެތި ބާރުތަކުގެ މަޞްލަޙަތުތަކަށް ބަރޯސާވެފައި ނުވާތީ ކަމަށެވެ. އަދި ޙަޤީޤީ ސިޔާދަތު މިންކުރެވޭނީ ޤައުމެއްގެ ބޮޑުމިނުން ނުވަތަ އަސްކަރީ ބާރުން ނޫން ކަމަށާއި، އެކަން މިންކުރެވޭނީ ޕްރެޝަރުގެ ދަށުގައިވެސް އަމިއްލަ ޟަމީރަށް ވަފާތެރިވުމުގައި ދެމިހުރުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް