ބޭންކުގެ ކުރިއެރުމަކީ ގައުމުގެ ކުރިއެރުމާ ވަކިން އޮތް ކަމެއް ނޫންކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ގެދޮރު އިމާރާތް ކުރުމަށް ފަސް ޕަސެންޓަށް ވުރެ ކުޑަ އިންޓުރެސްޓު ރޭޓެއްގައި ލޯނު ދޫކުރާ ހިޔާވަހި ފައިނޭންސް ސްކީމުގެ ދަށުން ލޯނު ދޫކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލް އަކީ މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް ކަމަށެވެ.

”ގައުމީ ބޭންކުގެ ހައިސިއްޔަތުން އަޅުގަނޑުމެން ނަގަންޖެހެނީ ވެސް ވަރަށް ބޮޑު ޒިންމާއެއް. އެއީ ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫޢުތަކަށް އެހީތެރިވުމުގެ ޒިންމާ. ބޭންކުގެ ކުރިއެރުމަކީ ގައުމުގެ ކުރިއެރުމާ ވަކިން އޮތް ކަމެއް ނޫން،“ ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ހަގީގީ މަންޒަރަކީ ބީއެމްއެލްގެ ދުޅަހެޔޮކަމާއި ކުރިއެރުން ގުޅިފައިވަނީ ދިވެހި އިގްތިސާދާކަން ކަމަށެވެ. އެހެންކަމުން ހިޔާވެހި ފައިނޭންސިން ސްކީމް ތައާރަފުކުރުމާއެކު، މިއީ ގައުމީ ބޭންކުން އެހީތެރިވާންޖެހޭ ކަމެއްކަމަށް ބޭންކުން ނިންމި ކަމަށް ޝަރީފް ވިދާޅުވި އެވެ.
”އަޅުގަނޑުމެންނަކީ އަބަދުވެސް މުހިންމު ގައުމީ މަޝްރޫޢުތަކުގައި ހަރަކާތްތެރިވާ ބޭންކެއް.“ ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލުން ބުނި ގޮތުގައި، އެ ބޭންކުން މިހާރު ވެސް އަންނަނީ މި ސްކީމްގެ ދަށުން ފައިނޭންސިން އަށް އެދުނު 1،400 އަށް ވުރެ ގިނަ އެޕްލިކޭޝަންތައް ބަލައި، ޕްރޮސެސް ކުރަމުންނެވެ.
”ހިޔާވެހި“ ފައިނޭންސިންގެ ތެރެއިން މުޅިން އަލަށް ގެއެއް އިމާރާތް ކުރަން އަދި އިމާރާތްކުރަން ފަށާފައި ހުރި ގެއެއް ނިންމަން ވެސް ލޯނު ލިބޭނެއެވެ.
އެ ސްކީމުން ރަށްވެހި ކެޓަގަރީން އެދި ހުށަހަޅާ ފަރާތްތަކަށް އެއް މިލިއަން ރުފިޔާ، ސަހަރުތަކުން ހުށަހަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ އަދި ފުރަމާލެއިން އެދި ހުށަހަޅާ ފަރާތްތަކަށް 6 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެއެވެ.
”ހިޔާވަހި“ ފައިނޭންސިން ސްކީމްގެ ޕާޓްނަރުންނަކީ ބޭންކް އޯފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އިތުރުން ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އެވެ.