ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

ފުޓުބޯޅައިގެ ފުރަތަމަ ބިލިއަނަރަކަށްވި ކުޅުންތެރިޔާގެ ޝަރަފު ރޮނާލްޑޯއަށް

ފުޓުބޯޅަ ކުޅެގެން ބިލިއަނަރަކަށްވި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު، ސައުދީ އަރަބިއާގެ އަލް ނަސްރަށް ކުޅެމުންދާ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.

ބްލޫމްބާގް ބިލިއަނާސް އިންޑެކްސްއިން އިއްޔެ އިއުލާނު ކޮށްފައިވާ ގޮތުގައި، އުމުރުން 40 އަހަރުގެ ރޮނާލްޑޯގެ މިލްކިއްޔާތުގައި މިހާރު 1.4 ބިލިއަން ޑޮލަރު އެބަހުއްޓެވެ. ބިލިއަނަރަކަށްވުމުގެ ޝަރަފު ރޮނާލްޑޯއަށް ލިބުނީ ދާދިފަހުން އަލް ނަސްރާއެކު އޭނާ ސޮއިކުރި އާ އެއްބަސްވުމާވެސް އެކުގައެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ރޮނާލްޑޯ ޖޫން މަހު އަލް ނަސްރާއެކު އާކުރި އެއްބަސްވުމަކީ 400 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ.

ބްލޫމްބާގުން ރިޕޯޓް ކޮށްފައިވާ ގޮތުގައި 2002 ވަނަ އަހަރުން 2023 ވަނަ އަހަރާ ހަމައަށް ރޮނާލްޑޯއަށް މުސާރައިގެ ގޮތުގައި 550 މިލިއަން ޕައުންޑް ލިބިފައިވެއެވެ. އޭގެ އިތުރުން ނައިކީއާއެކު ހަދާފައިވާ އެއްބަސްވުމުން އަހަރަކު އޭނާއަށް 18 މިލިއަން ޑޮލަރު ޖެހޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އޭގެ އިތުރުންވެސް އޭނާގެ ބްރޭންޑް އެންޑޯސްމަންޓްތަކަށް ބަލާ އިރު، އަރްމާނީއާއި ކާސްޓްރޯލް ފަދަ ބްރޭންޑްތަކުންވެސް އަހަރަކު 175 މިލިއަން ޑޮލަރު ރޮނާލްޑޯއަށް ޖެހޭ ކަމަށްވެސް ބްލޫމްބާގުން ބުނެފައިވެއެވެ.

ރޮނާލްޑޯ، 2023 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، ސައުދީ ލީގުގެ އަލް ނަސްރަށް ބަދަލުވެފައިވާ އިރު، އެހިސާބުން އޭނާ ވެފައި ވަނީ ތާރީހުގައިވެސް އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާއަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުން ރޮނާލްޑޯއަށް 2023 ވަނަ އަހަރު އަލް ނަސްރުން ހުށަހެޅި ފުރަތަމަ އެއްބަސްވުމުގައި ވާގޮތުންވެސް، އަހަރަކު 237.52 މިލިއަން ޑޮލަރު ޖެހެއެވެ.

އޭގެ އިތުރުން ބޯނަސްތަކާއި ކްލަބުގެ ހިއްސާއިންވެސް ރޮނާލްޑޯއަށް އާމްދަނީ ޖެހެއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އަލް ނަސްރުގެ 15 ޕަސެންޓް ހިއްސާ ރޮނާލްޑޯ އަތުގައި އޮވެއެވެ.

މީގެ ކުރިންވެސް ބައެއް އެތުލީޓުން ބިލިއަނަރުންނަށް ވެގެން ގޮސްފައިވާ އިރު، އޭގެ ތެރޭގައި ބާސްކެޓް ތަރިން ކަމަށްވާ މައިކަލް ޖޯޑަން، މަޖިކް ޖޯންސަން އަދި ލެބްރޯން ޖޭމްސް ހިމެނެއެވެ. އޭގެ އިތުރުން ޓައިގާ ވުޑްސްއާއި ޓެނިސް ތަރި ރޯޖާ ފެޑެރާވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް