ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި އިންވެސްޓްނުކުރެވޭނެ ދާއިރާތަކާއި ޝަރުޠުތަކަކާއެކު އިންވެސްޓުކުރެވޭނޭ ދާއިރާތައް ކަނޑައަޅައިފިއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 03 ސެޕްޓެންބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރެއްވި ޤާނޫނު ނަންބަރު (11/2024) ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި، އިންވެސްޓްނުކުރެވޭނެ ދާއިރާތަކާއި، ވަކި ޝަރުޠުތަކަކާއެކު އިންވެސްޓުކުރެވޭނޭ ދާއިރާތައް (ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް)، ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ކަނޑައަޅައި، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާ ކަމަށެވެ.
”ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވި މި ބަދަލުތަކަކީ، ދިވެހި ވިޔަފާރިވެރިން ވާދަވެރިކަމާއެކު ހަރަކާތްތެރިވަމުން އަންނަ އިޤްތިޞާދީ ޞިނާޢަތްތައް ދިވެހި ވިޔަފާރިވެރިންނަށް ޚާއްޞަކޮށް، އަދި ބޭރުގެ އިންވެސްޓަރުންގެ ތަޖުރިބާއާއި އިންވެސްޓްމަންޓް ބޭނުންވާ ދާއިރާތަކަށް، ބޭރުގެ އިންވެސްޓަރުންނަށް ފުރުޞަތު ހުޅުވިފައި އޮންނަ ގޮތަށް ގެނެވިފައިވާ ބަދަލުތަކެއް. މިއީ ދިވެހިރާއްޖޭގެ އިޤްޠިޞާދު ސިންދަފާތުކޮށް، އިޤްޠިޞާދު ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލްވުމަށް މުހިންމު އިޞްލާޙެއް“، އެ ބަޔާނުގައި ވެއެވެ.
އިޤުތިޞާދީ ވުޒާރާއިން ބުނީ ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމާފައި މިވަނީ ދައުލަތުގެ އިދާރާތަކާއި، ބިޒްނަސް ކައުންސިލާއި، ދިވެހި އަދި ބޭރުގެ އިންވެސްޓަރުންގެ އިތުރަށް ކަމާގުޅުންހުރި ގިނަ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު، ޚާއްޞަކޮށް ދިވެހި ރައްޔިތުންނަށް ދިވެހި އިޤްތިޞާދުގައި އިންވެސްޓް ކުރުމުގެ މަންފާ އެންމެ ހެޔޮ ގޮތުގައި ލިބޭނެގޮތަށް ބައްޓަން ކުރުމަށް ކަމަށެވެ.
އެހެންކަމުން މި ބަދަލުތަކުގެ މައިގަނޑު އަސާސަކީ ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތައް، ދިވެހިންނަށް ޚާއްސަ ކުރުމާއެކު، ދިވެހީންނަށް ހުނަރާއި ޤާބިލުކަން އިތުރަށް ބޭނުންވާ ދާއިރާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުގެ ފުރުޞަތު، ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައި ބޭއްވުން ކަމަށާއި، ސަރުކާރުން މިގެންނެވި ބަދަލާއެކު، މިހާރު ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި އިތުރަށް ފައިތިލަ ސާބިތުކޮށް، އިޤުތިޞާދީ ނަފާ ހޯދައި، ޤައުމުގެ ތަރައްޤީގައި ދިވެހީންގެ ޙިއްސާ ބޮޑުވެގެން ދާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
”މި ގެނެވުނު ބަދަލުތަކުގެ ސަބަބުން، ދިވެހި ވިޔަފާރިވެރިން ދިވެހި އިޤުތިޞާދުގައި ބާރުވެރިވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް މަގުފަހިކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުޞަތު ބޭރުގެ އިންވެސްޓަރުންނަށް ފުރިހަމައަށް ހުޅުވިގެންދާނެ އިސްލާހުތަކެއް“، އެ ބަޔާނުގައި ވެއެވެ.