އުޒްބަކިސްތާން ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަމުގެ މަގާމަށް އިޓަލީގެ ކުރީގެ ކެޕްޓަން ފަބިއޯ ކަނަވާރޯ ހަމަޖައްސައިފިއެވެ.
އުޒްބަކިސްތާނުން އެގައުމުގެ ކޯޗުކަމުގެ މަޤާމަށް އުމުރުން 52 އަހަރުގެ ކަނަވާރޯ ހަމަޖައްސާފައިވާއިރު، އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ އޭއެފްސީގެ ޖާގައެއް އެގައުމުން ވަނީ ކަށަވަރު ކޮށްފައެވެ.
ކަނަވާރޯ އުޒްބެކިސްތާނުގެ ކޯޗު ކަމާއި ހަވާލުވެފައިވާއިރު އޭނާ ވަނީ މީގެ ކުރިން ސައުދީ އަރަބިއްޔާ އާއި ޗައިނާގެ ކްލަބްތަކުގެ އިތުރުން އިޓަލީގެ ކްލަބްތަކަށް ކޯޗު ކަން ކޮށްދީފައެވެ. މީގެ އިތުރުން އޭނާ ވަނީ 2019 ވަނަ އަހަރު ވަގުތީ ގޮތުން ޗައިނާގެ ގައުމީ ޓީމަށްވެސް ކޯޗުކޮށްދީފައެވެ.
ކަނަވާރޯ އެންމެ ފަހުން ކޯޗު ކޮށްދީފައިވަނީ ޑައިނަމޯ ޒަގްރެބް އަށެވެ. އޭނާ އެ ކްލަބުގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ އެންމެ ހަތަރު މަހަށެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމު ލީޑުކުރުމުގެ ޒިންމާ އޭނާއާ ހަވާލުކުރުމާ އެކު، ކަނަވާރޯ ވަނީ އަނގަބަހުން އެ އަށް އެއްބަސްވެފައެވެ. އަދި މިހާރު ކޮންޓްރެކްޓުގައި ސޮއިކޮށްފައިވާ ކަމަށް އުޒްބަކިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ އިއުލާނުކޮށްފައެވެ.
2006 ވަނަ އަހަރުގެ ވޯލްޑްކަޕް އިޓަލީން ކާމިޔާބުކުރިއިރު އެ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރި ކަނަވާރޯ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް ކޯޗެއްގެ ގޮތުގައި އޭނާއަށް އަދި މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.