ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އދ. އޮމަދޫ ސްކޫލްގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ލަސްވަމުންދާތީ އެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި ރަށް ގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ރަށުގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ލިބެމުންދާކަން ފާހަގަކުރައްވައި، ކައުންސިލްގެ ފަރާތުން ވަނީ، ޑޮލަރު އޭ.ޓީ.އެމް. ގެ ޚިދުމަތް ރަށުގައި ގާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި ރަށު ބަނދަރުގެ މަސައްކަތް، ޚާއްޞަކޮށް ބޭރު ތޮށީގެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ. އޮމަދޫ ކައުންސިލުން ވަނީ މީގެ ކުރިން އެދިވަޑައިގެންނެވި އެންމެހާ ކަންކަން ފުރިހަމަކޮށްދެއްވަމުންގެންދަވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.



