ދިވެހިބަހުގެ އެކެޑެމީ ހިންގަމުން އަންނަ އިމާރާތުގެ އާބާތުރަ ފިލުވައި ޒަމާނީ ފެންވަރަށް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަށްޓަވައިފިއެވެ.
ދިވެހިބަހުގެ އެކެޑެމީ ޒަމާނީ ފެންވަރަށް މި އަހަރުތެރޭ މަރާމާތުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ 14 މެއި 2025ގައި ދިވެހި ބަހުގެ އެކަޑެމީއަށް އެމަނިކުފާނުކުރެއްވި ޒިޔާރަތުގައި އެކަޑެމީގެ މުވައްޒަފުންނާ ބައްދަަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެކަޑެމީގެ އިމާރާތުން ފާހަގަކުރެވޭ މައްސަލަތަކުގެ ތެރޭގައި ބައެއް ދިމަދިމާއަށް ވާރޭ ހިޔާނުވުމާއި ބިތްތަކުން ބައެއް ކަހަލަ ކެމިކަލް ފާއްދަމުން ދިޔުމާއި، އަދި ކަރަންޓު ފުރިހަމައަށް ނުލިބުމާއި ބައެއް ދިމަދިމާއިން ފަންގިފިލާ ވެށްޓިފައިވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރަށް ކަރަންޓު ޝޯޓުވުމުގެ ސަބަބުން ބައެއް ކަހަލަ ނުތަނަވަސް ހާލަތްތައް ކުރިމަތިވެފައިވެއެވެ.
ދިވެހިބަހުގެ އެކަޑަމީއަކީ ދިވެހި ގައުމިއްޔަތާއި ސަގާފަތް ދިރުވައި، ދިވެހިބަސް ކުރިއެރުވުމުގެ މަސައްކަތްތައް ކުރުމަށްޓަކައި 8 އޯގަސްޓު 2011 ގައި އުފެއްދެވި މުއައްސަސާއެކެވެ. ނަމަވެސް، ދިވެހިރާއްޖޭގައި އުފެދުނު ބައެއް ސަރުކާރުތަކުން މި މަރުކަޒަށް އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވާތީ، އެމަރުކަޒު ހިންގަމުންދާ އިމާރާތްވަނީ މުވައްޒަަފުންގެ ޞިއްޙީ ރައްކާތެރިކަމަށް ހުރަސް އެޅޭ ހިސާބަށް ވީރާނާވެފައެވެ. މި ސަބަބުތަކާހުރެ، މި އިމާރާތަކީ އިންސާނުންނަށް މަސައްކަތްކުރަން އެކަށީގެން ނުވާ ވަރުގެ މާޙައުލަކަށް ބަދަލުވެ، އެކަޑަމީގެ މަސައްކަތްތަކަށްވަނީ ވަރަށް ބޮޑަށް ބުރޫއުއަރާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ފުރަތަމަ އަހަރުވެސް އެމަނިކުފާނުވަނީ މި އިމާރާތުގެ މަރާމާތުގެ މަސައްކަތް ކުރަމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ދިވެހިބަހާ ސަގާފަތާ ތަރިކައާއި ބެހޭ ވުޒާރާއިން މިހާރު ފަށާފައިވާ މި މަސައްކަތުގެ ސަބަބުން، ދިވެހިބަހަށް ޚިދުމަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ދިވެހިބަހުގެ އެކަޑަމީއަށް އަލުން އާރޯކަމެއް ގެނެސް، ދިވެހިބަސް ކުރިއެރުވުމުގެ މަސައްކަތްތައް އިތުރު ހަލުވިކަމާއެކު ކުރިއަށްގެންދެވޭނެކަމަށް އުންމީދުކުރެވެއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި ދިވެހިބަހުގެ އެކެޑެމީ މަރާމާތުކުރުމުގެ މަސައްކަތް 1 ޑިސެންބަރު 2025އަށް ނިމޭނެއެވެ.