އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 62 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން މިހާތަނަށް 62 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފިއެވެ.

ގެދޮރުވެރިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ، ސެޕްޓެމްބަރު 28 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެފްޑީސީން ވިދާޅުވީ މިހާތަނަށް 62 މީހަކަށް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްފައިވާކަމަށެވެ. އެންމެ ފުރަތަމަ ހަވާލުކުރަމުންދަނީ މި މަޝްރޫޢުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން، އަމާން އުދަރެހުގެ 14ވަނަ ޓަވަރުގެ ފްލެޓްތަކެވެ. ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބޭ މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްތައް ޑިސެންބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވިއެވެ.

ފްލެޓް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް 3160 އަށްވުރެ ގިނަ މީހުންނާއެކު ވަނީ ސޮއިކޮށްފައެވެ. ތަޅުދަނޑި ހަވާލުކުރަނީ، އެއްބަސްވުމުގައި ސޮއިކޮށް، ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ. އަދި ހާހެއްހާ މީހުން ވަނީ ފްލެޓަށް ޑިޕޮސިޓް ދައްކާފައެވެ.

ސަރުކާރުން ކަނޑައަޅާފައިވަނީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25000 ހާސް ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ.

ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ގަވާއިދުން ކުލި ދައްކާނަމަ 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުން ފްލެޓްތައް ހަވާލުކުރަނީ ފިނިޝިން ހުރިހާ މަސައްކަތެއްވެސް ނިންމުމަށްފަހުއެވެ. ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށް، ލިސްޓް ކަނޑައެޅުމުގެ މަސައްކަތް ކުރަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. އެފްޑީސީން ސޮއިކުރަމުންދަނީ އެވުޒާރާއިން ފޮނުވާ ލިސްޓަށެވެ.

ގުޅުންހުރި ލިޔުންތައް