މި އަހަރުގެ ތެރޭގައި މާލޭގައި 3000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަޝްރޫއު ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
”މި އަހަރު މާލޭގައި އެންމެ މަދުވެގެން 3،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް މި އަހަރު ތެރޭ ފަށާނަން. މިއީ، އަޅުގަނޑުމެންނަށް އިންޑިއާގެ އެލްއޯސީ ގެ 4،000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ އިތުރަށް ފެށޭނެ މަޝްރޫއެއް. އެ [4،000 ޔުނިޓްގެ] މަޝްރޫއު ވެސް އަދި ފެށޭނެ،“ ރައީސް ވިދާޅުވިއެވެ.
ރިޔާސީ ވައުދާއެއްގޮތަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރައްވާނެ ކަމުގެ ޔަގީންކަން މިރޭ ވެސް އެމަނިކުފާނު ދެއްވިއެވެ.
”ކުރިން އަޅުގަނޑު ވައުދުވީ ގޮތަށް ރައްޔިތުންނަށް [ކުރީ ސަރުކާރުގައި ދިން] ގޯތިތަކާއި ފްލެޓްތައް އެއްވެސް ބަދަލެއް ނުގެނެސް ދަނީ ހަވާލުކުރަމުން. އަދި މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުގައި އަލަށް ފެށޭ މަޝްރޫއޫތަކުން ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަމުން ދާނަން،“ އެ މަނިކުފާނު ވިދާޅުވިއެވެ.