ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އައްޑޫގެ ވިލނގިލީގައި ހިންގާ ޝަންގްރިއްލާ ރިސޯޓު ހުޅުވަން ނިންމައިފިއެވެ.
އަންނަ އަހަރާ ދިމާކޮށް އައްޑޫގެ ޝަންގްރިއްލާ ހުޅުވަން ނިންމާފައިވާކަން ހާމަކުރެއްވީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު ތޯރިގް އިބްރާހިމްއެވެ.
އައްޑޫގެ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ މި ރިސޯޓު 2009 ވަނަ އަހަރު ހުޅުވި ހުޅުވުމަށްފަހު ބަންދުކޮށްފައިވަނީ، ކޮވިޑް ބަލިމަޑުކަމާ ގުޅިގެން 2020 އަހަރުއެވެ. ކޮވިޑާ ގުޅިގެން ޝަންގްރިއްލާ ބަންދުކުރި ފަހުން، އެ ރިސޯޓުން އަލުން ޚިދުމަތް ދޭނެ ދުވަހަކަށް އައްޑޫގެ ރައްޔިތުން އަންނަނީ އިންތިޒާރުކުރަމުންނެވެ. އެގޮތުން ބަލާއިރު މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އައްޑޫގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށް ވެފައިވަނީ އައްޑޫގައި ހިންގާ ހަންކެޑެ މަޝްރޫއު އަލުން ފަށައި ނުވަތަ ޝަންގްރިއްލާއިން އަލުން ޚިދުމަތްދޭން ފެށުމެވެ.
އެގޮތުން މިއަދު ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވަޒީރު ތޯރިގު ވިދާޅުވީ، ފާއިތުވި މަސްތަކުގައި ޝަންގްރިއްލާގެ ވެރިންނާއެކު ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބުކަމަށާއި، އައު އަހަރާ ދިމާކޮށް އެ ރިސޯޓު ހުޅުވުމަށް އެ ކުންފުނިން މިހާރު ނިންމައިފައިވާ ކަމަށެވެ.
އެގޮތުން މިހާރު ވެސް އެ ރިސޯޓު ވަރަށް ރީތިކޮށް ބަލަހައްޓަމުން އަންނަކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުރިޔަށް އޮތް ތިން މަހުގެ ތެރޭގައި އެ ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ އެންމެ ފަހުގެ ކަންކަންކޮށް، ހުޅުވޭނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ވަޒީރު ވަނީ އެ ރިސޯޓު ހިންގުމުގައި އެ ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކަނެކްޓިވިޓީ ނުވަތަ ދަތުރުފަތުރުކުރުމުގެ ކަންބޮޑުވުންކަން ފާޅުކުރައްވައި، އެކަން ޙައްލުކުރުމަށްޓަކައި މިހާރު އައްޑޫގެ އެއާޕޯޓަށް އިތުރުކުރެވޭ ބައިތަކާއި އަދި މޯލްޑިވިއަން އާއި ގުޅިގެން އެކަންބޮޑުވުންތަކަށް ޙައްލެއް ގެނައުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާފައެވެ.
ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެ ރިސޯޓު ބަންދުކުރިއިރު 580 މުވައްޒަފަކު އެ ރިސޯޓުގައި މަސައްކަތްކުރަމުން ދިޔައެވެ. އެ ރިސޯޓު އަލުން ހުޅުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ވެސް މެއެވެ.



