މިއަހަރުގެ މިހާތަނަށް ރާއްޖޭގެ 91 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މިއަހަރުގެ މިހާތަނަށް 91 ރަށުގައި ބީއެމްއެލް އޭޓީއެމް ޤާއިމްކޮށް 122،000އަށްވުރެ ގިނަ މުޢާމަލާތް އެތަންތަނުން ކޮށްފައިވާކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަޝްރޫޢުގެ ދަށުން މިއަހަރުގެ މިހާތަނަށްވަނީ 91 ރަށެއްގައި އޭޓީއެމް ވަނީ ހުޅުވާފައެވެ. މިއޭޓީއެމް މެދުވެރިކޮށް 122000 މުޢާމަލާތުކޮށްފައިވާކަމަށް ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މުއާމަލާތްތަކުގެ ފައިސާގެ ޖުމްލަ އަދަދު 313 މިލިޔަން ރުފިޔާއަށް އަރާއިރު، ޖަމާކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދު 145 މިލިޔަން ރުފިޔާއަށް އަރައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބީއެމްއެލްގެ އޭޓީއެމް ވިއުގައިން މާލޭގައި ދުވާލަކު 14،000 ޓްރާންސެކްޝަން ހަދައި 78 މިލިއަން ރުފިޔާ ދައުރުކުރެއެވެ. އަދި އަތޮޅުތަކުގައި ދުވާލަކު 9،000 ޓްރާންސެކްޝަން ހަދާއިރު ދައުރުކުރާ ފައިސާގެ އަދަދަކީ 25 މިލިއަން ރުފިޔާއެވެ.
މާލެ ފިޔަވައި ބީއެމްއެލް އޭޓީއެމް ގާއިމުކޮށްފައިވާ ރަށްތަކުގެ އަދަދު މިހާރު 187 އަރާއިރު، ބީއެމްއެލް އޭޓީއެމްތަކުގެ ޖުމުލަ އަދަދު މިވަނީ 246 އަރާފައެވެ.
ބީއެމްއެލް އިން ވަނީ ރ. އަތޮޅުގައި މީހުން ދިރިއުޅޭ 9 ރަށެއްގައި އިއްޔެ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ.
އެއީ:
ވާދޫ
ރަސްގެތީމު
އަނގޮޅިތީމު
ހުޅުދުއްފާރު
މާކުރަތު
އިންނަމާދޫ
ރަސްމާދޫ
ކިނޮޅަސް
ފައިނު
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ކޮންމެ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދިނުމުން އެ ރަށްރަށުގެ ވިޔަފާރިތަކާއި އާންމު ރައްޔިތުންނަށް ވެސް އެތައްގޮތަކުން ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
”ރަށުގައި ތިއްބަވައިގެން ބޭންކިން ޚިދުމަތް ލިބޭނެ. އެހެން ރަށަކަށް ދަތުރުކުރާކަށް ޖެހިވަޑައި ނުގަންނަވާނެ. ފިހާރަތަކަށާއި ވިޔަފާރިތަކަށް ލިބޭ ފައިސާ ވަގުތުން ޖަމާ ކޮށްލެވޭނެ. ގޭގަ އަތުގައި ފައިސާ ބެހެއްޓުމުގެ ބަދަލުގައި ބޭންކު އެކައުންޓުގައި ފައިސާ ބަހައްޓާ ބޭނުންވީމަ ފައިސާ ނެގޭނެ ނިޒާމު ހަމަޖެހިގެން މިދިޔައީ. ޓްރާންސްފަރ ކުރުމާއި އެހެނިހެން ކަންކަންވެސް ޑިޖިޓަލީ ހަމަޖެހިގެން މިދިޔައީ. އެހެންވީމަ މީ ވަރަށް ބޮޑު ފަސޭހައެއް.“ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.