ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

ކޮންޓްރޯލަރގެ ވިސްނުމަކީ ރާއްޖެ 7 ޒޯނަކަށް ބަހައިގެން ބިދޭސީންގެ މައްސަލަ ހައްލުކުރުން

ރާއްޖެ 07 ޒޯނަކަށް ބަހައިގެން ބިދޭސީންގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދް ފަޞީޙް ވިދާޅުވެއްޖެއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މިފަދައިން ވިދާޅުވީ އިމިގްރޭޝަން އިންސައިޓްސްގައި ވާހަކަ ދައްކަވަމުންނެވެ.

އިމިގްރޭޝަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެންފޯސްމެންޓުގެ ދާއިރާކަން ފާހަގަކުރައްވާ އިމިގްރޭޝަންގެ ކޮންޓްރޯލަރ ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބިދޭސީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންކަމުން 7 ޒޯނަކަށް ރާއްޖެ ބަހައިގެން އެންފޯސްމަންޓުގެ މަސައްކަތް ފުޅާ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

”މި މަސައްކަތަށް ބޭނުންވާ ވަސީލަތްތައް އަޅުގަނޑަށް ޔަގީން ސަރުކާރުން ފޯރުކޮށްދޭނެކަން. ލޯންޗުފަހަރު ހުރެގެން ރާއްޖޭގެ ދެކުނަށް އަދި އުތުރަށްވެސް ސިސްޓަމެޓިކްކޮށް، ސަސްޓެއިނަބަލްކޮށް މި ޕްރޮގްރާމު ހިންގުމުގެ ވިސްނުން އަޅުގަނޑު އެބަހުރި. އަޅުގަނޑުމެންނަށް މިކަން ހަމަ ވާނެ.“ އަޙްމަދް ފަޞީޙް

ފަސީޙް ވިދާޅުވީ ތަންފީޒު ނުވެ ހުރި ކަންކަން ތަންފީޒު ކުރެވެން ފެށުމާއެކު ރާއްޖޭގައި ޤަވާއިދާ ޚިލާފށް ނުވަތަ އެއްވެސް ލިޔެކިޔުމެއް ނެތި އުޅެމުން އަންނަ ބިދޭސީން މަދުވާނެ ކަމަށާއި މި މަސައްކަތުގެ މަގްސަދަކީ އާންމު ރައްޔިތުން ކުށްވެރިކުރުން ނޫން ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީން ރާއްޖެ އަންނަނީ ވަރަށް ގިނަ ފައިސާތަކެއް ޚަރަދުކޮށްގެންކަން ފާހަގަކުރައްވާ ފަޞީޙް ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނަށް މަދުން ނަމަވެސް ދިވެހިން އިހުމާލުވާ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ފަށާފަވާއިރު މި މަސައްކަތަށް ރަށްރަށުގެ ކައުންސިލްތަކުން ދެއްވާ އެއްބާރުލުން ކޮންޓްރޯލަރ ވަނީ ފާހަގަކުރައްވާފައެވެ.

”އެބޭފުޅުން ބައްދަލުކުރައްވަންވެސް ވަޑައިގަންނަވާ. ރަށްރަށުގަ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވާހަކަ ކައުންސިލްތަކުން ދައްކާ. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ އައު ބަޖެޓަކާއެކީ އައު އުސްމިންތަކަކަށް ތަންފީޒު ކުރުމުގެ މަރުހަލާގެ ކަންކަން ގެންނާނަން.“ އަޙްމަދް ފަޞީޙް

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީނަމަވެސް، އެކަމަށް ޙައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިނުވިނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 8000އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޑީޕޯޓުކޮށްފައެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 8ވަނަ އިސްލާޙުގައިވާ ގޮތުގެ މަތިން، ޤާނޫނުގެ 7-65 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި، ޚާއްސަކޮށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެފަރާތްތަކާމެދު އިހުމާލުވާ ފަރާތްތައް -/50،000 (ފަންސާސްހާސް) ރުފިޔާއިން މިހާރު އަންނަނީ ޖޫރިމަނާ ކުރަމުންނެވެ

އަދި 7-65 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، ޤާނޫނުގެ 8-65ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުގެ މަތިން -/100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރަން ފެށީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެގޮތުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯ މެޓްރިކްސްނަގައި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ބިދޭސީންނާއި ގުޅުންހުރި އެކި ކަންކަމުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށާއި، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް