- Advertisement -spot_img

ރަށްތަކުގެ ރީތިކަމާއި ތަފާތު ދައްކުވައިދޭ ފަތުރުވެރިކަމުގެ މޮޑެލްއެއް ބިނާކުރަންޖެހޭ: ރައީސް

ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ތަފާތު ގޮތްތައް ދައްކުވައިދޭ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މޮޑެލްއެއް ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ދިވެހިންގެ މެހެމާންދާރީއަކީ މިއަދު މުޅި ދުނިޔެ ބަލައިގެންފައިވާ އަސާސްތަކެއް ކަމަށެވެ. އެހެންވެ ސަރުކާރުގެ މިހާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަދި ކޮންމެ މުޖުތަމައަކަށް މި ސިނާއަތުގެ ތެރެއިން ފުރުސަތުތައް ހޯދައިދީ، ދެމެހެއްޓެނިވި ތަރައްގީއަށް މަގުކޮށައިދިނުން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި ތަފާތުކަން ދައްކުވައިދޭ ފަތުރުވެރިކަމުގެ މޮޑެލްއެއް ބިނާކުރަންޖެހޭ ކަމަށެވެ. އެކަމަކީ ދެމެހެއްޓެނިވި ތަރައްގީ އެކުލެވިގެންވާ މުސްތަގުބަލަކަށް މުހިއްމު ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދުވަސް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ ފަތުރުވެރިކަމުގެ ސިނާއަތުން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކޮށް މި ސިނާއަތް ކުރިއެރުވުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ބާރުއަޅައި، ހޭލުންތެރިކަން އިތުރުކުރުމެވެ.

ގުޅުންހުރި ލިޔުންތައް