ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

ތ. ކިނބިދޫ ރައްޔިތުންނަށް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، އެއަތޮޅު ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިޔަޤީންކަންދެއްވީ ރާއްޖޭގެ ހަތަރުއަތޮޅެއްގެ މީހުންދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކިނބިދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ކިނބިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

ކިނބިދޫ-ވޭމަންޑޫ ގުޅާލާ، ކޯޒްވޭ މަޝްރޫޢު ކުރިއަށްގެންދަވާނީ ފަތުރުވެރިކަން ފުޅާކުރެވޭ ގޮތަށްކަމަށާއި އެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި، ޑިވެލޮޕަރެއް ހޯދުމަށް ހުޅުވާލާފައިވާކަން އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. މި މަޝްރޫޢަކީ މުޅި ތ. އަތޮޅަށް މުހިއްމު ކުރިއެރުންތަކެއް ލިބޭނެ މަޝްރޫޢެއްކަން ފާހަގަކުރައްވައި، މިއީ ސަރުކާރުން ކުރިއަށްގެންދާ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ މަޝްރޫޢުގެ ދަށުން ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށްވެސް މުހިއްމު ސަރަޙައްދެއްކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކިނބިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

ރަށުގެ ހިއްކި ސަރަހައްދުން ގޯތި ދޫކުރުމާއި ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢު ފަދަ ތަރައްޤީގެ މަސައްކަތްތަކާއި ގުޅޭ ލޭންޑް ޔޫޒް ޕްލޭން ހެދުމުގައިވެސް، މި ކޯޒްވޭގުޅުމުން ދެ ރަށަށް އެކަމުގެ ފައިދާ ލިބޭގޮތަށް ރައްޔިތުންގެ މަޝްވަރާއާއިއެކު ކުރިއަށް ގެންދަވަން ބޭނުންފުޅުވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ކިނބިދޫގެ ތަރައްޤީއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރެއިން ތަޢުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމުގެ ޔަޤީންކަންދެއްވައި، ކިނބިދޫގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި، ރޭވިފައިވާ މަސައްކަތްތައް ކޮށްދެއްވާނެކަމުގެ ޔަޤީންކަންދެއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް