އިނގިރޭސި ޕްރިމިއާ ލީގުގައި 2-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ސީޒަންގެ އުންމީދު އާކޮށްފިއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މިމެޗު ފެށިގެން ފަސްވަނަ މިނެޓުގައި ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. އަދި ޔުނައިޓެޑުން މެޗުގެ ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ބުރޫނޯ ފެނާންޑޭޒް ކާމިޔާބުކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސަމީރޯ އެވެ.

ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ދެއްކި ދެވަނަ ރީނދޫ ކާޑާއެކު މެޗުގެ ރެފްރީ ވަނީ ކަސަމީރޯއަށް ވެސް ރަތް ކާޑުދައްލައި ދަނޑުން ފޮނުވާލާފައެވެ.މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ދެޓީމުން ވެސް 10 ކުޅުންތެރިންނާއެކު ފެށިއިރު، މިހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓްކުރީ ޗެލްސީ އިންނެވެ. އަދި އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޗަލަބާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން މެންޗެސްޓާ ޔުނައިޓެޑަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ޗެލްސީއަށް ލީގުގައި ކުޅުނު ފަސް މެޗުން ލިބުނު އަށް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ.