ނ.މަނަދޫގައި އައު ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗަރއިން މި މަސައްކަތް އާރްޑީސީއާ ހަވާލުކުރީ އިއްޔެ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މަނަދޫގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ 700 ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު ނިންމާ ގޮތަށް 71،212،387.68 (ހަތްދިހަ އެއް މިލިއަން ދެލައްކަ ބާރަހާސް ތިންސަތޭކަ އަށްޑިހަ ހަތް) ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގައި މިހާރު ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ބަދަލުގައި ކޮންވެންޝަނަލް ގްރެވިޓީ ސިސްޓަމެއް ގާއުމުކުރުމާއެކު، ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގް ސްޓޭޝަން ބެހެއްޓުމުގެ އިތުރުން އެރަށުގައި ނަރުދަމާ ޖަންކްޝަން ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން، އައުޓް ފްލޯއެއް އެޅުމާއި، އެއާއ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވެއެވެ.